ސްޕެޝަލް އިކޮނޮމިކް ޒޯންގެ މަސައްކަތް ކުރިއަށްގެންދިއުމަށް އިކޮނޮމިކް މިނިސްޓްރީން ދުބާއީގެ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އާ ހަވާލުކޮށްފިއެވެ.
މީރުމާ ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެމްއޯޔޫގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ. އަދި އިފްޒާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މާޓިން ޕެޑަސަން އެވެ.
އިފްޒާއާ ހަވާލުކޮށްފައިވަނީ ރާއްޖޭގެ އުތުރުން އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އަދި ކ. ފުނަދޫގައި ޤާއިމްކުރަން ނިންމާފައިވާ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސަރވިސް ޒޯނުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އެތަންތަން ހިންގައި ކުރިއެރުވުމަށް ބޭނުންވާ ފަންނީ އަދި އިދާރީ އެހީތެރިކަންވެސް އިފްޒާއިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިފްޒާގެ ޗެއާމަން މާޓިން ވިދާޅުވީ އެއްބަސްވުމުގެ ސަބަބުން އެ ކުންފުނީގެ ގްލޯބަލް ކަނެކްޝަނާއި ތަޖުރިބާއާއި ފަންނީ އެހީތެރިކަން ރާއްޖެއަށް ލިބޭނެ ކަމަށެވެ. އަދި ދުނިޔޭގެ ބޮޑެތި ވިޔަފާރި ބްރޭންޑްތަކާއި އިންވެސްޓަރުން ރާއްޖެ އައުމުގެ ދޮރު ހުޅުވިގެންދާނެ ކަމަށާއި ހަމައެކަނި ފަތުރުވެރިކަމަށް ޚާއްސަ މަންޒިލެއްގެ ގޮތުގައި ރާއްޖެ އޮވުމުގެ ބަދަލުގައި ޕްރިމިއަމް ކޮމާޝަލް އަދި ފައިނޭންޝަލް ޚިދުމަތްތައް ލިބޭ ތަނެއްގެ ގޮތުގައި ރާއްޖެ ތަރައްޤީވެގެންދާނެ ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން މި މަޝްރޫޢަކީ ދިގު މުއްދަތަކަށް އޭގެ ފައިދާ ރާއްޖޭގެ ރައްޔިތުންނަށް ކުރާނެ މަޝްރޫޢެއްކަން ފާހަގަކުރައްވާ މާޓިން ވިދާޅުވީ ކޮންފަރެންސް ސެންޓަރަކާއި ހޮޓެލާއި ރިއަލް އެސްޓޭޓް ޤާއިމްވެގެންދާއިރު ވަޒީފާގެ ފުރުޞަތުތައްވެސް ފަހިވެގެންދާނެ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮކިމް މިނިސްޓަރ ސައީދު ވިދާޅުވީ މި މަޝްރޫޢަށް ބޭނުންވާ ފައިސާ އިންވެސްޓް ކުރާނީ އިފްޒާއިން ކަމަށެވެ. ރާއްޖެއަކީ އިންވެސްޓަރުންނަށާއި ވިޔަފާރި ކުރުމުގައި ޒަމާނީ މަންޒިލަކަށް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުން އަންނަކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ އެސްއީޒެޑް ތަރައްޤީކުރުމަށް ހަވާލުކުރި އިފްޒާ ކުންފުންޏަކީ ދުބާއީގައި ފުޅާ ދާއިރާއެއްގައި އިންޓަނޭޝަނަލް އިންވެސްޓަރުން އެޓްރެކްޓްކޮށް، ފަންނީ ބޭފުޅުން އެކުލެވޭ ޓީމެއް އޮންނަ ކުންފުންޏެއް ކަމަށެވެ.
މި މަޝްރޫޢު ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަންވެސް ސައީދު ވަނީ އަރުއްވާފައެވެ.



