ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތި ހުއްދަނެތި އެތެރެކުރާނަމަ 30,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ސަރުކާރުން ނިންމައިފިއެވެ.
މި ނިިންމުން ވަނީ މިއަދު ގެޒެޓްގައި ޝާއިޢުކޮށް، އަމަލުކުރަން ފަށާފައެވެ.
މި އިސްލާހު ގެނެސްފައިވަނީ "ނެތި ދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤުވާމީ ވިޔަފާރި ކޮންޓްރޯލްކުރުމަށް ދޫކުރާ ހުއްދައާއި ވިޔަފާރިކުރާ ފަރާތްތަކާއި ތަކެތި ރަޖިސްޓަރީކުރުމާ ގުޅޭ ޤަވާޢިދު" އަށެވެ. މި އިސްލާހުގެ ދަށުން، ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭ އެއްޗެއް ހުއްދަނެތި އިމްޕޯޓްކުރުމާއި، އެކްސްޕޯޓްކުރުމާއި، ރީއެކްސްޕޯޓްކުރުމާއި، ކަނޑުން އެތެރެކުރުމަކީ މަނާކަމެކެވެ.
މީގެ އިތުރުން، އެފަދަ ދިރުމެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއް ހުއްދަނެތި އެތެރެކޮށްފިނަމަ، އެތެރެކުރި ކޮންމެ އެއްޗަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ.
މި އިސްލާހު ގެނައުމުގެ މަޤްޞަދަކީ ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވުމާއި، މިފަދަ ތަކެތީގެ ވިޔަފާރި ކޮންޓްރޯލް ކުރުމެވެ. މި ޤަވާޢިދަށް ގެނެވުނު އިސްލާހާއެކު، ސަރުކާރުން އުންމީދު ކުރަނީ މިފަދަ ތަކެތި ޤަވާޢިދާ ޚިލާފަށް އެތެރެކުރުން މަދުވެ، ތިމާވެށި ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.



