ކޭޕޮޕްގެ މަޝްހޫރު ބޭންޑު ބީޓީއެސްގެ މެމްބަރު ޖޭހޯޕް، އެއް އަހަރާއި ހަ މަސް ދުވަހުގެ މިލިޓަރީ ޚިދުމަތް ފުރިހަމަ ކުރުމަށްފަހު މިއަދު އެނބުރެނބުރި އަތުވެއްޖެއެވެ.
ކޮރެއާގެ ސަގާފަތުގައި އޮންނަ ގޮތުން 18 އަހަރު ފުރިފައިވާ ކޮންމެ ފިރިހެނަކު ވެސް އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް މިލިޓަރީގައި ޚިދުމަތް ކުރަން ޖެހެއެވެ. މިގޮތުން ބީޓީއެސްގެ މެމްބަރުންނަށް ވެސް މިލިޓަރީގައި ބައިވެރިވާން ޖެހުނެވެ. ޖޭހޯޕްގެ ކުރިން އެ ބޭންޑުން އެންމެ ފުރަތަމަ މިލިޓަރީގެ ޚިދުމަތް ފުރިހަމަ ކޮށްފައިވަނީ ޖިންއެވެ.
ޖޭހޯޕް އެނބުރި އައުމުން، އޭނާގެ ކުންފުނީގެ ފަރާތުން މީހަކު ވަނީ މާބޮޅިއަކާއެކު މަރުޙަބާ ކިޔާފައެވެ. އަދި ޖިން ވަނީ ސަޕްރައިޒެއް ދިނުމުގެ ގޮތުން ޖޭހޯޕް ކައިރިއަށް އައިސް، މާބޮޑިއެއް ހަދިޔާ ކޮށްފައެވެ.
މީޑިއާއަށް ދިން ކުޑަ އިންޓަވިއުއެއްގައި ޖޭހޯޕް ބުނެފައިވަނީ މިލިޓަރީގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ނިންމާލެވުނު ކަމާމެދު އުފާވާ ކަމަށާއި، އެތަނުގައި އޭނާއަށް ތަފާތު އެކި މީހުންނާ ދިމާވެ، ވަރަށް ގިނަ އެއްޗެހި ދަސްވި ކަމަށެވެ. އަދި މިހާރު ޚިދުމަތަށް ދާންޖެހޭ މީހުންނަށް ވެސް ވަނީ ބިރުނުގަނެ ދިޔުމަށް އިލްތިމާސް ކޮށްފައެވެ.
އިންޓަވިއު ނިންމާލަމުން ޖޭހޯޕް ވަނީ ބީޓީއެސްގެ އެންމެ ވަފާތެރި ފޭނުންކަމަށްވާ "އާމީސް" އަށް ވެސް ޝުކުރު އަދާކޮށްފައެވެ. އަދި ވަރަށް އަވަހަށް އޭނާގެ ފަރާތުން އެކި ކަހަލަ ހުށަހެޅުންތައް ފެންނާނެ ކަމަށްވެސް ބުންޏެވެ.



