މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބާއި މިދިޔަ މަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެމްޑީޕީ އަށް ނާކާމިޔާބުވީ ވައުދު ނުފުއްދާ ހުދުމުހުތާރު ވެރިކަމެއް ކުރީމަ ކަމަށާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމަކީ ޒިންމާދާރުކަން ކުޑަ، ހުދުމުހުތާރު ވެރިކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި އެމްޑީޕީން ވަކިވެވަޑައިގެންނެވި ސަބަބާ ގުޅޭ ގޮތުން ސްރީ ލަންކާގެ "ދަ މޯނިން" ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގަތުމަށް ނިންމެވި ނިންމެވުމަކީ ވަރަށް އުނދަގޫ ނިންމެވުމެއް ކަމަށެވެ. އެކަމަކު، އެއީ ރައްޔިތުންނަށްޓަކައި އެޅި މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީ ވެރިކަމަށް އައީ ރާއްޖޭގައި އޭރު މޫލާފައި އޮތް ކޮރަޕްޝަންގެ އަމަލުތައް ނައްތާލާ ރައްޔިތުންނަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އަނބުރާ ހޯދައިދިނުމަށް ވައުދުވެގެން ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ސޯލިހުގެ ވެރިކަމުގައި ފެނިގެން ދިޔައީ އެމްޑީޕީން ވެފައިވާ ވައުދުތަކާ މުޅިން ހިލާފަށް ޑިމޮކްރަސީ އާ ބީރައްޓެހި ކަންތައްތަކެއް ކަމަށާއި އެ ކަންތައްތަކުގެ ސަބަބުން ޕާޓީ ދޫކޮށްލީ ކަމަށް ވަނީ ވިދާޅުވެފައެވެ.
ޕާޓީގެ އަސާސްތަކާ ހިލާފަށް، ގާނޫނު އަސާސީއަށް ތަބާނުވާ ޒިންމާދާރުކަން ކުޑަ ސަރުކާރަކަށް އެއްބާރުލުން ދޭން ބޭނުން ނުވާތީ ސަރުކާރާ ދެކޮޅަށް ނުކުމެ ވަޑައިގަތީ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސް އުފައްދަވައި އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި އެމަނިކުފާނު ހުންނެވި ކަމުގައި ވިޔަސް އެ ޕާޓީގެ އެއްވެސް އިސް ރޯލެއް އެމަނިކުފާނު އަދާނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީއަށް ރިޔާސީ އިންތިހާބުގައި އަދި ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހުނީ އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދާ ޚުދުމުހުތާރު ވެރިކަމެއް ކުރުމުންނެވެ. ރައްޔިތުންނާ ބީރައްޓެހި ވެރިކަމަކަށް ރައްޔިތުން ތާއީދު ނުކުރާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
"ނިމިދިޔަ ކަންތައްތަކުން އެމްޑީޕީން ފިލާވަޅެއް ދަސްކުރަން ޖެހޭ." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ކުރީ ސަރުކާރުން ދައުލަތުގެ ދަރަނި އަދާކުރުމަށް ބުނެ އިތުރު ލޯނުތަކެއް ނަގައި ދަރަނި ބޮޑުކޮށްފައިވާ ކަމަށާއި އެކަމާވެސް ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ. ދަރަނި ކުޑަކުރުމުގެ ބަދަލުގައި ބޮޑެތި ޕްރޮޖެކްޓުތަކަށް އިންވެސްޓުކޮށް މުޅި ދައުލަތް އެމްޑީޕީ ސަރުކާރުން ދަރުވާލި ކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައްވައިފައެވެ.
ސިޔާސީ މައިދާނުގައި 50 އަހަރު އެކުގައި މަސައްކަތްކުރި ކުޑައިރުގެ ރަހުމަތްތެރިޔާ އާއި ގުޅުން ކަނޑާލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެމްޑީޕީން ވަކިވެ ރައީސް ސޯލިހު އާ ދެކޮޅަށް މަސައްކަތް ކުރުން އުނދަގޫ ކަމަކަށްވި ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.



