ގއ. ކޫއްޑޫއިން ފައިލޭރިއާ ޖެހިފައިވާ ތިން ބިދޭސީން ފެނިއްޖެއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މީޑިއާ އޮފިޝަލް އިބްރާހިމް ސަޢީދު މިއަދު ވިދާޅުވީ ކޫއްޑޫ މަސް ފެކްޓްރީގައި މަސައްކަތް ކުރާ ތިން ބިދޭސީއަކު ފައިލޭރިއާއަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.
ސައީދު ވިދާޅުވީ ފައިލޭރިއާއަށް ޕޮޒިޓިވް ވި ތިން ބިދޭސީން ޓެސްޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި، ޓެސްޓު ހަދާފައިވަނީ ފައިލޭރިއާއަށް ޝައްކުވާ ބަޔަކު ފެނިގެން ކަމަށެވެ.
ސައީދު ވިދާޅުވީ ފައިލޭރިއާއަށް ޕޮޒިޓިވް ވި ތިން މީހުންނަކީ ވެސް އިންޑިއާ މީހުން ކަމަށާއި ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން އެމީހުން ފަރުވާ ހޯދާފައިވާކަމަށެވެ. އަދި ފަރުވާއަށްފަހު މިހާރު މަސައްކަތަށް ނުކުމެފައިވާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހިންގާ ފައިލޭރިއާ ސްކްރީނިންގ ޕްރޮގްރާމްގެ ތެރެއިން މިފްކޯގެ ދަށުން ހިންގާ ހުރިހާ ތަނެއްގައި މަސައްކަތް ކުރާ ބިދޭސީންވެސް ސްކްރީން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބައެއް ބިދޭސީންގެ ސްކްރީނިންގ މިހާރު ނިމިފައިވާއިރު މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ ތިން މީހުން ކަމަށް ސައީދު ވިދާޅުވިއެވެ.
ފައިލޭރިއާ ސްކްރީނިންގއާ ގުޅޭ ސަރވޭއެއް އެޗްޕީއޭ އިން ކުރިއަށްގެންދާއިރު، ސަރވޭ ނިމުމުން އޭގެ ތަފްސީލުތައް ހާމަކުރާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ރާއްޖެއިން ފައިލޭރިއާ ނައްތާލިކަމަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅާފައިވަނީ 2016 ވަނަ އަހަރުއެވެ. ނަމަވެސް ދުނިޔޭގެ އެއިޑްސް ދުވަހާ ގުޅިގެން ހދ.ކުޅުދުއްފުށީގައި ނެގި ރެންޑަމް ސާމްޕަލްތަކަކުން އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ބިދޭސީންތަކެއް ވަނީ ފެނިފައެވެ.



