މީގެ ތިން އަހަރު ކުރިން އެމްޓީސީސީއާ ހަވާލުކުރި މ. މުލީ އެއާޕޯޓު މި އަހަރުގެ ޖުލައި 26 ގައި ހުޅުވޭ ވަރަށް ނިންމަން އެ ކުންފުނިން އަމާޒު ހިފައިފި އެވެ.
ކުރީގެ ސަރުކާރުން ފެބްރުއަރީ 28، 2012 ގައި އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ އެއް އަހަރުގެ ތެރޭގައި އެ އެއާޕޯޓުގެ މަސައަކަތް 212 މިލިއަން ރުފިޔާ އަށް ނިންމާ ގޮތަށެވެ.
ނަމަވެސް މިއަދު އެމްޓީސީސީން ވާހަކަ ދެއްކެވި އިސް ވެރިއަކު ވިދާޅުވީ، އެ މަސައްކަތް މަޑުޖެހުނު އެންމެ ބޮޑު މައްސަލަ އަކީ ބަޖެޓުގެ މައްސަލަކަމަށެވެ.
"އެކަމަކު މި އަހަރުގެ ޖުލައި 26 ގައި ބޯޓު ޖެއްސޭވަރު ކުރުމަށްޓަކައި އަޅުގަނޑުމެން މިހާރު މަސައްކަތް މި ފެށީ. އަލުން މަސައްކަތް ފެށިތާ ވާނީ މަހެއްހާ ދުވަސް. އަމާޒަކީ ޖުލައި 26 ގައި މި އެއާޕޯޓު ހުޅުވުން،" އެމްޓީސީސީން މިއަދު ވާހަކަ ދެއްކި އިސް ވެރިޔާ ވިދާޅުވި އެވެ.
އެމްޓީސީސީގެ އެންމެ ބޮޑު އަމާޒަކީ މަސައްކަތް ނިންމައި ޖުލައި 26 ގެ ކުރިން ސަރުކާރާ އެ ތަން ހަވާލު ކުރުމެވެ
މުލީ އެއާޕޯޓުގެ ޓާމިނަލް: ދެން އޮތީ ޓާމިނަލްގެ ފިނިޝިން މަސައްކަތްތައް
މުލީ އެއާޕޯޓް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރި ދުވަހު، އޭރުގެ އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފައި ވަނީ އެ ތަނުގައި 1،200 މީޓަރުގެ ރަންވޭއެއް ހަދާނެކަމަށެވެ. ޓާމިނަލް އިމާރާތް ހެދުމާއި އެއާޕޯޓަށް ބޭނުންވާ އެހެން ވަސީލަތްތައް ގާއިމުކުރުން ވެސް އެ މަޝްރޫއުގައި ވަނީ ހިމަނާފައެވެ.
އެމްޓީސީސީގެ އޮފިޝަލް ވިދާޅުވީ، މިހާރު ބާކީ ކުރަން ޖެހޭ މަސައްކަތަކީ އެއާޕޯޓަށް ބޭނުންވާ ބިމުގެ ތެރެއިން ނުހިއްކައި ބާކީ އޮތް ސަރަހައްދު ހިއްކުމާއި ޓާމިނަލްގެ ފިނިޝިންގެ ކަންކަމެވެ.
"އެކަން ވެސް ބާރު ސްޕީޑުގައި ދެން ކުރިއަށް ގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.
މުލީ އެއާޕޯޓުގެ ޓާމިނަލް އިމާރާތުގެ މައިގަނޑު މަސައްކަތްތައް މިހާރު ވަނީ ނިމިފަ އެވެ.
މ. އަތޮޅުގައި މިހާރު ވެސް ތިން ރިސޯޓެއް އޮޕަރޭޓް ކުރާއިރު، މުލީ އެއާޕޯޓާ އެކު ބޮޑު ކުރިއެރުމެއް އެ އަތޮޅަށް އަންނާނެ ކަމަށް ސަރުކާރުން ބުންޏެވެ. މުއްޔާއި ނާލާފުށި ކޯޒްވޭއަކުން ގުޅައިލުމުގެ މަސައްކަތް ވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. އޭރުން މ. އަތޮޅަކީ އާބަން ސެންޓަރަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ ކަމަށް ބެލެވެ އެވެ.








