ދުނިޔޭގެ އެންމެ ބޮޑު އެއް ކާގޯ އުފުލާ ކުންފުނި ދުބާއީގެ އެމިރޭޓްސް އިން ކާގޯ ވިޔަފާރި އިތުރަށް ފުޅާކުރަން ރާވާފައިވާތީ ބޮއިންގް 777އެފް މުދާ އުފުލާ ބޯޓުތަކުގެ ފްލީޓް ފުޅާ ކުރަމުން އަންނަ ކަމަށް މަސްދަރުތަކުން ބުނެފި އެވެ.
ސެޕްޓެމްބަރު މަހު ބޮއިންގުން ވަނީ 777އެފްގެ 11 މުދާ އުފުލާ ބޯޓުގެ އޯޑަރު ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި 11 އޯޑަރުގެ ތެރޭގައި ގިނައިން ހިމެނެނީ އެމިރޭޓްސްގެ ބޯޓުތަކެވެ. ބޮއިންގުން ވަނީ އެކަމާ ގުޅޭ ގޮތުން އެއްޗެއް ބުނަން ދެކޮޅު ހަދާފަ އެވެ.
އެމިރޭޓްސް އަކީ 777 ފްލީޓުގެ އެންމެ ބޮޑު އޮޕަރޭޓަރު އަދި 777އެކްސްގެ އެންމެ ބޮޑު ކަސްޓަމަރެވެ.
އެމިރޭޓްސް އެއާލައިންގެ ރައީސް ޓިމް ކްލާކް ވަނީ މި ހަފްތާގެ ކުރީކޮޅު އެމީހުންގެ 777އެކްސްގެ ބޯޓުތަކުގެ ޑެލިވަރީ ލަސްވުމާ ގުޅިގެން ބޮއިންގް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެމިރޭޓްސްގެ ފްލީޓުގައި ފަހުގެ 777އެފް ކާގޯ ޖެޓް މިވަގުތު އޮޕަރޭޓް ކުރަމުންދާއިރު، އިތުރު 4 ޖެޓުގެ އޯޑަރު މިހާރުވެސް ވަނީ ދީފައެވެ. އަދި ޑިމާންޑް ބޮޑުވެ ހަތަރު 747 ބޯޓާއި އެ ބޯޓުތަކުގެ ފަޅުވެރިން ކުއްޔަށް އެ ކުންފުނިން ވަނީ ދޫކޮށްފައެވެ.
އެމިރޭޓްސް އެއާލައިންގެ އިސް އެގްޒެކެޓިވްއާ ހަވާލާދީ އަބޫދާބީގެ ނޫހެއް ކަމަށްވާ ދަ ނޭޝަނަލް އިން ބުދަ ދުވަހު ބުނެފައި ވަނީ ކުރިއަށް އޮތް ހަފްތާތަކުގައި މުދާ އުފުލާ ބޯޓުތަކަށް އިތުރު އިންވެސްޓްމަންޓެއް އިއުލާން ކުރަން އެމިރޭޓްސް އިން ރާވާފައިވާ ކަމަށެވެ.



