ހިދުމަތުގެ އެންމެ ކުރީ ސަފުގައި ތިބެ ނަރުހުން އަދާ ކުރަނީ ގައުމީ ވާޖިބެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ އެ ޕޯސްޓުގައި ވަނީ ނަރުހުންގެ ހިދުމަތުގެ އެންމެ ކުރީ ސަފުގައި ތިބެ އަދާކުރަނީ ގައުމީ ވާޖިބެއް ކަމަށެވެ. އަދި އެއީ އިންސާނިއްޔަތުކަމުގެ އަގުހުރި ޒިންމާއެއްގެގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ކޮންމެ އަހަރެއްގެ މެއި 12 ވަނަ ދުވަސް ފާހަގަ ކުރަނީ ނަރުހުންގެ ދުވަހުގެ ގޮތުގައެވެ.
މިއަހަރުގެ ނަރުހުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި އިންޓަނޭޝަނަލް ކައުންސިލް އޮފް ނާސަސްއިން ކަނޑައަޅާފައިވަނީ "އަވާ ނާސަސް، އަވާ ފިއުޗާ. ދަ އިކޮނޮމިކް ޕަވާ އޮފް ކެއާ"އެވެ.
މިއީ ސިއްހީ ނިޒާމުގެ މައިބަދައިގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ނަރުހުންނަށް ހިޚިދުމަތުގެ ތެރޭގައި މާލީގޮތުން ދިމާވާ އެކިގޮންޖެހުންތަކާ މެދު ވިސްނާ، އެކަންކަމަށް އެދެވޭ ފިޔަވަޅުތަކެއް އެޅުމަށް ބާރުއެޅުމުގެ ގޮތުން ކަނޑައަޅާފައިވާ ޝިއާރެކެވެ.



