އެމީހަކަށް ލިބިފައިހުރި ޢިލްމެއްގެ ބޭނުން ކޮށްގެން ޙަލާލު ގޮތުގައި ޢާމްދަނީ ހޯދުމަށްޓަކައި މަސައްކަތްކުރާ އެއްވެސް ދިވެއްސެއް މިސަރުކާރުން ބާކީ ނުކުރާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ. އެއީ ދަނޑުވެރިކަމުގެ ދާއިރާއިން ކަމުގައި ވިޔަސް ފިލްމު އުފެއްދުން ކަމުގައި ވިޔަސް، ސަރުކާރުގެ އަމާޒަކީ ޤައުމަށް ފައިދާކުރާ ކޮންމެ މަސައްކަތެއް ކުރުމަށް ދިވެހި ރައްޔިތަކު އިސްނަގައިފިނަމަ އެފަރާތް ބާކީ ނުކޮށް އެއްބާރުލުންދީ ޒިންމާދާރު ކުރުވުމެވެ. އެގޮތުން، ކޮންޓެންޓް އުފެއްދުމުގައި ހަރަކާތްތެރިވާ ޒުވާނުންގެ އަގުވެސް މިސަރުކާރުން ވަޒަން ކުރާކަން ފާހަގަ ކުރެވެއެވެ.
ދިވެހިރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް ކުރާނެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ އެކި ޕްލެޓްފޯމްތަކުގައި ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެއްވެސް ޒުވާނަކު ބާކީ ނުކުރައްވާނެ ކަމަށާއި ޒުވާނުން ބާރުވެރި ކުރުވައި ޒުވާނުންނަށް އިތުރު ޢާމްދަނީ ލިބޭނެ މަގުތައް ސަރުކާރުން ފަހި ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ނިއުދިއްލީގައި ބޭއްވި ބިޒްނަސް ފޯރަމްގެ ތެރެއިން - ރައީސްގެ އަމާޒަކީ ހުރުހާ އެންމެންނަށްވެސް ފުރުޞަތު ދިނުން.
ޤައުމީ ބޮޑެތި މައްސަލަ ތަކުގައާއި މޫސުމަށް ދިމާވާ މައްސަލަތަކާއި އަދި ބައިނަލް އަޤްވާމީ ބޮޑެތި މައްސަލަތައް ހިމެނޭ ގޮތަށް މުހިންމު މެސެޖުތައް ހިއްސާކުރުމުގައި ކޮންޓެންޓް ކްރިއޭޓަރުން ޒިންމާދާރު ކުރުވައި އެމީހުން ޢާމްދަނީ ހޯދުމަށްޓަކައި ކުރާ މަސައްކަތަށް ސަރުކާރުން އެއްބާރުލުން ދެއެވެ.
ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ޑިޖިޓަލް ޤައުމަކަށް ހެދުމުގެ ފުޅާ ތަޞައްވުރުގެ ތެރެއިން، ކޮންޓެންޓް ކްރިއޭޓަރުންނަށް އެއްބާރުލުންދީ، ޑިޖިޓަލް އިޤްތިޞާދު ފުޅާކޮށް، އަދި 2040 އަންނަންވާއިރަށް ދިވެހިރާއްޖެއަކީ ތަރައްޤީ ވެފައިވާ ޤައުމަކަށް ހެދުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިޝަން އެވެ.



