ފެލިވަރު މަސް ފެކްޓަރީގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުމުގެ މަސައްކަތް އަވަސް ކުރުމާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
އިއްޔެގެ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ އިސްފަރާތްތަކާއި، އިންޑިއަން ހައިކޮމިޝަންގެ ބޭފުޅުންނާއި، އިންޑިއާ އެގްޒިމް ބޭންކުގެ ބޭފުޅުންނެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ފެލިވަރުގެ މަސް ރައްކާކުރާ ފެސިލިޓީގެ މަސައްކަތް އަވަސްކޮށް، މަސްވެރިންނަށް ޚިދުމަތް ދިނުން އަވަސް ކުރުން ކަމަށް ވުޒާރާއިން ހާމަކުރިއެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އުތުރުގައި މަސްވެރިކަން ކުރާ މަސްވެރިން ބާނާ މަސް ގަނެ ރައްކާކުރުމަށް ފަސޭހަވެގެން ދާނެކަމަށް ވުޒާރާއިން މައުލޫމާތު ދެއްވިއެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް މޮނިޓަރކޮށް، މަސައްކަތް އަވަސް ކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަތުމަށް މަސްވެރި ވުޒާރާއާއި އިންޑިއާގެ އެގްޒިމް ބޭންކުގެ ޓެކްނިކަލް ޓީމެއް މިއަހަރުގެ ޖުލައި 17 ވަނަ ދުވަހު ފެލިވަރަށް ޒިޔާރަތްކޮށްފައިވާކަން ފާހަގަކުރިއެވެ.
މި މަޝްރޫޢު ނިމުމުން، ރާއްޖޭގެ އުތުރުގެ މަސްވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެކަމަށް ވުޒާރާއިން ބުނެފައިވެއެވެ.



