ކުށުގެ ވެށީގައި އުޅޭ ކުދިން އިސްލާހުކުރަން ވަކި ރަށަކަށް ގެންގޮސް ދިގު މުއްދަތަކަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ހިންގަން ރާވަމުން އަންނަ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޢުލޫމާތު ދެއްވަމުން އިހުސާން ވިދާޅުވީ ކުދިން ރިހެބިލިޓޭޓް ކުރުމަށް ޚާއްސަކޮށްގެން ސިފައިންނާއި ފުލުހުން އަދި ކަމާބެހޭ އެހެން މިނިސްޓްރީތަކާއި ގުޅިގެން އެފަދަ ކުދިންނަށް ޕްރޮގްރާމެއްތަކެއް ހިންގުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
އިހުސާން ވިދާޅުވީ ޖިނާއީ ޢަދުލުގެ ޤާނޫނުގައި ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަން މިހާރު އޮންނަ އުމުރު 15 އަހަރުގެ ބަދަލުގައި 12 އަހަރަށް ދަށްކުރުމަށް ގެންނަން ޖެހޭ ޤާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށެވެ. އިހުސާން ވިދާޅުވީ އޭގެ މަޤުޞަދަކީ ކުޑަކުދިން ޖަލަށްލުން ނޫން ކަމަށާއި، ބޭނުމަކީ ކުދިން ކުށުގެ ވެށިން ސަލާމަތްކޮށް، އެ ކުދިން ރިހެބިލިޓޭޓްކޮށް، މުޖުތަމަޢަށް ފައިދާ ހުރި ބައެއްގެ ގޮތުގައި އަނބުރާ ނެރުން ކަމަށެވެ.
ޤާނޫނުން އެ ބާރު ހޯދުމަށްފަހު ސަރުކާރު ވިސްނުމަކީ އެކަމަށް ޚާއްސަ ރަށެއްގައި ކުދިން އިސްލާހުކުރުން ކަމަށް އިހުސާން ވިދާޅުވިއެވެ. "ހޯޕް އައިލެންޑް"ގެ ނަމުން ޚާއްސަކުރާ އެރަށުގައި ހިންގޭ ޕްރޮގްރާމްތަކުގެ ތެރެއިން ކުދިންނަށް ދީނީ ތަޢުލީމާއި ރަސްމީ ތަޢުލީމުގެ އިތުރުން ކޮންޓެކްޓްސް ސްޕޯޓްސް އަދި ސައިކޯސޯޝަލް އިންޓަވެންޝަން ޕްރޮގްރާމްތައް ހިންގޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ކުދިންގެ އުމުރުން 18 އަހަރު ވަންދެން ގެންގުޅުމަށްފަހު ފުލުހުންނާއި ސިފައިންގެ ވަޒީފާއަށް ރަސްމީކޮށް ނަގާނެ ކަމަށެވެ. އަދި ވަކި މުއްދަތެއް ވަންދެން އެ ޚިދުމަތުގައި އުޅުމަށްފަހު އިވެލުއޭޝަން ހަދައި، ކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށްދިޔުމުގެ ފުރުޞަތު ދޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ކުދިންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް ރާވާފައިވަނީ ޤާނޫނީ ބާރުވެރިކަން ވެސް ލިބިގެން ކަމަށެވެ.



