ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން ޔޫއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.
ރޭ ސާބިއާ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވިއިރު ލަނޑުތައް ޖަހައިދިނީ އައިމެރިކް ލަޕޯޓް، އަލްވާރޯ މޮރާޓާ އަދި އެލެކްސް ބައެނާއެވެ.
ޔޫރޯ 2024 ގެ ފައިނަލުގައި އިންގްލެންޑް އަތުން 2-1 އިން މޮޅުވި ޓީމުގެ ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ޒުވާން ތަރިން ކަމަށްވާ ލަމީން ޔަމާލް އާއި ނިކޯ ވިލިއަމްސް ރޭގެ މެޗުގައި ނުކުޅެއެވެ.
"އަހަރެމެން މިތިބީ ބޮޑު މުބާރާތެއްގެ އަނެއް ފަހު މަރުހަލާގައި. އެއީ ފަޚުރުވެރިވާންޖެހޭ ކަމެއް،" ސްޕެއިންގެ ޕަބްލިކް ޓީވީ ޓީވީއީ އަށް ދިން އިންޓަވިއުއެއްގައި ކެޕްޓަން މޮރާޓާ ބުންޏެވެ.
ރޭގެ މެޗުގެ ފަސްވަނަ މިނެޓުގައި އައިމެރިކް ލަޕޯޓް ލަނޑު ޖެހިއިރު ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީ ކެޕްޓަން އަލްވާރޯ މޮރާޓާއަށް ކާމިޔާބެއް ނުކުރެވުނެވެ. ނަމަވެސް 65 ވަނަ މިނެޓުގައި ލަނޑެއް ޖަހައި އޭނާ ވަނީ 2 ލަނޑު 0 ލަނޑަށް ނަތީޖާ ބަދަލުކޮށްފައެވެ،
ސާބިއާގެ ޕަވްލޮވިޗަށް 76ވަނަ މިނެޓުގައި ރަތްކާޑެއް ދެއްކުމުން އެޓީމަށް އިތުރު ޕްރެޝަރާއި ކުރިމަތިލާން ޖެހުނެވެ. އޭނާއަށް ރެފްރީ ފުރަތަމަ ދެއްކީ ރީނދޫ ކާޑެއް ނަމަވެސް، ފަހުން ވީއޭއާރު ބެލުމަށްފަހު ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލީއެވެ.



