ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ދެކުނު އެފްރިކާބައްރުން ރޭ ބޮލީވިއާ ކޮޅަށް ހަ ލަނޑު ޖަހައި އާޖެންޓީނާއިން ތަފާތު ދައްކާލައިފިއެވެ.
އަނިޔާގައި ކުޑަ ދުވަސްކޮޅަކު ހުރުމަށްފަހު އަނެއްކާވެސް ފޯމުގައި ކުޅެމުން އަންނަ ކެޕްޓަން ލިއޮނަލް މެސީ ރޭ 3 ގޯލު ޖަހައި ހެޓްރިކް ހެދިއިރު ބޮލީވިއާއިން މެޗު ނިންމާލަން ޖެހުނީ 0-6 ގެ ތަފާތު ބޮޑު ލަދަކާއިގެންނެވެ.
10 މެޗުން 22 ޕޮއިންޓް ހޯދައިގެން އާޖެންޓީނާ ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި 19 ޕޮއިންޓާއެކު ކޮލަމްބިއާ އޮތީ ދެވަނައިގައެވެ. އުރުގުއޭ އަށް 10 މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. ބްރެޒިލްއާއި އުރުގުއޭ ޕޮއިންޓުގެ ގޮތުން އެއްވަރު ނަމަވެސް، ފައިދާ ގޯލުން އުރުގުއޭ އޮތީ ކުރީގައެވެ.

ރޭގެ މެޗުގައި އާޖެންޓީނާ އިން ކޮންމެ ހާފެއްގައި ތިން ގޯލު ޖެހިއެވެ. ފުރަތަމަ ގޯލު 19 ވަނަ މިނެޓުގައި މެސީ ކާމިޔާބުކުރި މި ގޯލަކީ ބޮލީވިއާގެ ޑިފެންޑަރު، މާސެލޯ ސުއަރޭޒް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި މެސީ ކާމިޔާބުކުރި ގޯލެކެވެ.
އާޖެންޓީނާގެ ދެވަނަ ގޯލު ޖެހީ ލަޓާރޯ މާޓިނޭޒެވެ. މި ލަނޑަކީ މެސީ މާޓިނޭޒަށް ތަނަވަސްކޮށްދިންް ފުރުސަތަކުން ޖެހި ގޯލެކެވެ. ތިންވަނަ ގޯލު އާޖެންޓީނާއިން ޖެހީ އިތުރުވަގުތުގެ ތެރޭގައި ހޫލިއަން އަލްވަރޭޒްއެވެ. މި ގޯލަކީވެސް މެސީ ދިން ބޯޅައަކުން ޖެހި ގޯލެކެވެ.
އާޖެންޓީނާގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ 70 ވަނަ މިނެޓުގައި ނަހުއެލް މޮލީނާ ދިން ޕާހަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ތިއާގޯ އަލްމާޑާއެވެ. އަދި އާޖެންޓީނާގެ ފަސްވަނަ ލަނޑު 84 ވަނަ މިނެޓުގައި މެސީ ޖެހިއިރު ހެޓްރިކް ފުރިހަމަކުރީ އޭގެ ދެމިނެޓް ފަހުންނެވެ. މިއާއެކު، ބައިނަލްއަގުވާމީ މެޗުތަކުގައި މެސީ ހެދި ހެޓްރިކްގެ އަދަދު ވަނީ ރޮނާލްޑޯއާއި އެއްވަރުވެފައެވެ. އެއީ 10 ހެޓްރިކެވެ.
މި މެޗުގައި ހެދި ހެޓްރިކާއެކު މެސީ ގައުމީ ޓީމަށް ޖެހި ލަނޑުގެ އަދަދު ވަނީ 112 އަށް އަރާފައެވެ.



