ދިގު ދަތުރަކަށް ފަހު ލަގެޖުތައް ޓްރޮލީއަކަށް އަރުވައިގެން ހުރި ބާރެއް ލާފައި ކޮންމެ މީހަކު ވެސް މިސްރާބު ޖަހަނީ ގެއަށް ދާން ޓެކްސީއެއް ހޯދުމަށެވެ. ދަތުރުގެ ވަރުބަލިކަމާއި އެއާޕޯޓުގައި ހޭދަކުރި ހުރިހާ ވަގުތެއް ވެސް އެ ޓްރޮލީއަށް އަރުވައި ބަރުކޮށްގެންނެވެ. ޓެކްސީ ކިއުއާ ހަމައަށް ދިއުމަކީ ވެސް ކުޑަވަރެއްގެ ދަތުރެކެވެ. އިންޓަނޭޝަނަލް ޓާމިނަލުން ނުކުންނަ މީހުންނަށް ޓެކްސީ ކިޔޫއަށް ފޯރާނީ 625 ވަރަކަށް ފޫޓަށް ހިންގައިގެންނެވެ. ޑޮމެސްޓިކް ޓާމިނަލުން ނަމަ 1150 ވަރަކަށް ފޫޓަށް ހިނގަންޖެހޭނެ އެވެ.
ބޮޑެތި އުނދަގޫތަކަށް ފަހު ޓެކްސީ ކިޔޫއާ ހަމައަށް ފޯރަ އެވެ. ބާރުބޮޑު ގަޑިއެއްގައި ނަމަ އެ ކިޔޫގައި އަދި 15 ވަރަކަށް މިނެޓު ނޫނީ އެއަށް ވުރެ ގިނަ އިރު ހޭދަކުރަން ޖެހެ އެވެ. ހިޔާކޮށްފައި ހުރުމަކީ ދެން ނަސީބެކެވެ. އެކަމަކު މި ތަނުގައި އަސްލު ނަސީބުވެރިންނަކީ ހުޅުމާލޭގައި އުޅޭ މީހުންނެވެ.
"ހުޅުމާލެއަށް އެކަނި ދެވޭނީ."
އެއާޕޯޓުގެ ޓެކްސީ ކިޔޫގައި ތިބޭ ގިނަ ޑްރައިވަރުންގެ ގާތުގައި މާލޭގެ އެޑްރެހެއް ބުނެފިނަމަ ލިބޭނީ މި ޖަވާބެވެ. ހާލަކުން ފަހަރަކު މާލެއަށް ދަތުރެއް ކޮށްދޭ މީހަކާ ދިމާވެދާނެ އެވެ. އެކަމަކު އެއީ ވެސް ކަނޑައަޅާފައި އޮންނަ ވަރަށް ވުރެ ބޮޑު އަގުގަ އެވެ. ގޮތް ހުސްވެފައި ހުންނަ މީހާއަށް އެ ނޫން ގޮތެއް ނޯވެ އެވެ. ޑްރައިވަރު ބުނާ އަގަށް އެއްބަސްވެގެން ގެއާ ހަމައަށް ނުދެވެނީސް އަނެއްކާ ވެސް އިތުރު މައްސަލައެކެވެ:
"ތި މަގަކަށް ނުވަދެވޭނެ. ވަރަށް އުނދަގޫ ވާނެ."
އަޖައިބުވެ، އަންތަރީސް ވާ ކަހަލަ ކަމެކެވެ. ކަސްޓަމަރަކީ ފަސިންޖަރެވެ. ޑްރައިވަރު ހިތުހުރި އަގެއް ބުނުމުން އެ އަގަށް ވެސް އެއްބަސްވެގެން ދިއުމުން ބުނާ ހިސާބަކަށް ވެސް ގެންގޮސްދިނުމެއް ނޯވެ އެވެ. ބޮޑެތި ޕިކަޕުތަކާއި ވެމްކޯ ލޮރީއަށް ވެސް ވަދެވޭ ވަރުގެ މަގުމަގަށް ބައެއް ޓެކްސީތައް ވަންނަން ދެކޮޅު ހަދަނީ އެވެ. އަގު ވެސް ކަނޑައަޅަނީ ޑްރައިވަރުން ހިތުހުރި ގޮތަކަށެވެ. ފަސިންޖަރު ބާލަންވީ ތަން ވެސް ނިންމަނީ އެ މީހުންނެވެ.
އަގުބޮޑުވެގެން ޝަކުވާ ކުރުމުން ބައެއް ޑްރައިވަރުން ބުނާ ގޮތުގައި ސަރުކާރުން ޓެކްސީ ދަތުރުތަކަށް ކަނޑައަޅާފައިވަނީ އެކަށީގެންވާ ވަރަށްވުރެ ދަށް އަގުތަކެކެވެ. އެ އަގުތަކުގައި ޓެކްސީ ދަތުރުކޮށްގެން އެ މީހުންނަށް ފައިދާ ނުވަނީ ކަމަށާއި އެއީ އެ މީހުން ކާންބޯން ކުރާ މަސައްކަތް ކަމަށެވެ. އެއީ ސަރުކާރާއި ޓެކްސީ ޑްރައިވަރުން މަޝްވަރާ ކޮށްގެން ނިންމަން ޖެހޭ ކަމެކެވެ. އަދަބު ލިބެން ޖެހެނީ ފަސިންޖަރުންނަކަށް ނޫނެވެ. އަދި އެ ދެބަސްވުމަކީ ބޮޑު އަގު ނަގާފައި ޑްރައިވަރުން ބޭނުން ތަނަކަށް ފަސިންޖަރުން 'އެއްލާލަން' ލިބޭ ހުއްދައެއް ވެސް ނޫނެވެ.

މިއީ ހުރިހާ ޓެކްސީ ޑްރައިވަރުން އަމަލުކުރާ ގޮތެއް ނޫނެވެ. އެހެން ނަމަވެސް އެއާޕޯޓް ޓެކްސީ ކިއުއިން ފެންނަ އާންމު މަންޒަރަކީ މިއެވެ. މިފަހުން ވެސް މިފަދަ އެތައް ކަމެއް ހިނގައި، އެކި މީހުން ސޯޝަލް މީޑިއާގައި ޝަކުވާތައް ބަންޑުންކޮށްލި އެވެ. އެއާ އެކު ސަރުކާރުން ވަނީ އެއާޕޯޓު ޓެކްސީ ކިޔޫ ހަމަޔަކަށް އަޅުވަން ނުކުމެފަ އެވެ.
މިދިޔަ ބުދަ ދުވަހުގެ އިރު އަރައިގެން އައީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، ޓެކްސީ ކިއުގެ ކަންކަން ބައްލަވަން އެއާޕޯޓަށް ގޮސް އުޅުއްވަނިކޮށެވެ.

މިނިސްޓްރީން ހަމަ އެ ދުވަހު މިކަމާ ގުޅޭ ޕޯސްޓުތަކެއް ވެސް ކުރި އެވެ. އެއް ޕޯސްޓުގައި ހަނދާން ކޮށްދިނީ ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް ޓެކްސީ ދަތުރުތަކަށް ޗާޖު ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އެހެން ޕޯސްޓެއްގައި އާންމުންނަށް ދޫކޮށްލީ، ގަވާއިދާ ހިލާފުވާ ޓެކްސީތަކުގެ މައްސަލަ ރިޕޯޓު ކުރަން ހާއްސަ ކިއުއާރު ކޯޑަކާއި ހޮޓްލައިން ނަންބަރެކެވެ.
"އެއާޕޯޓް ޓެކްސީ ކިއުއާ ގުޅޭގޮތުން މި މިނިސްޓްރީއަށް ހުށަހަޅާފައިވާ ޝަކުވާތައް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ (ހޯމް މިނިސްޓްރީ) އާއި އެމްއޭސީއެލް އަދި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ހައްލުކޮށް ހަރުދަނާ ފިޔަވަޅުތަކެއް މިހާރުވަނީ އެޅިފަ އެވެ،" ތިން ވަނަ ޕޯސްޓެއްގައިވެ އެވެ.
ޓެކްސީ ކިޔޫގެ މައްސަލަތަކާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ވެސް ވަނީ ހަރަކާތްތެރިވާން ފަށާފަ އެވެ. އަދި ބިދޭސީން ޓެކްސީ ކުރާނަމަ އެ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް މިނިސްޓްރީން ވަނީ ދީފަ އެވެ.

ދެން އޮތީ މި ފިޔަވަޅުތަކުގައި ހުރީ ކިހާ ވަރެއްތޯ ބެލުމެވެ. އެދެވޭ ނަތީޖާއެއް ނުކުމެދާނެ ކަމާ މެދު މިހާރުވެސް ބައެއް މީހުން ސުވާލު އުފައްދަ އެވެ. ޓެކްސީ ކިޔޫގައި ފުލުހުން ތިއްބަސް، ފަސިންޖަރު ބުނާ އެޑްރެހަށް ގެންގޮސްދޭނެކަން ކަށަވަރު ކުރެވޭނެ ހެއްޔެވެ؟ ނުގެންގޮސްދީފިނަމަ މައްސަލަ ރިޕޯޓުކުރާ ހޮޓްލައިން ނަންބަރުން ފޯނު ނަގާނެ ހެއްޔެވެ؟ ނަގައިފިނަމަ ފިޔަވަޅު އަޅައި، މިކަމަށް ދާއިމީ ހައްލެއް ހޯދައިދެވޭނެ ހެއްޔެވެ؟ ހައްތަހާ ވެސް ސުވާލެވެ. އެހެންކަމުން އެޅި ފިޔަވަޅުތައް ހަރުދަނާތޯ ނުވަތަ ނޫންތޯ ނިންމަން އަދި ދުވަސްކޮޅެއް ނަގާނެ އެވެ. އަދި އެ ފިޔަވަޅުތަކުގެ ހަރުދަނާ މިންވަރު ނިންމާނީ، މި މައްސަލަ ތަހައްމަލު ކުރާ ފަސިންޖަރުންނެވެ. މިނިސްޓްރީއަކުން ނޫނެވެ.



