ސައުދީ އަރަބިއްޔާގެ މަދީނާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ހުރި ކަންބޮޑުވުންތައް އައްސަވައި، އެ ކަންކަމަށް ހައްލު ހޯދައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މަދީނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެތަނުގައި ކިޔަވަމުން އަންނަ ދަރިވަރުންނާ މިއަދު ވަނީ ބައްދަލުކުރައްވާފަ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި 24 ދަރިވަރުން ވަނީ އެ މީހުންގެ ކަންބޮޑުވުންތަކާއި ބޭނުންވާ ކަންކަން ރައީސްއާ ހިއްސާކުރައްވާފަ އެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ދަރިވަރުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން މިހާރު މަދީނާއަށް ކުރައްވާ ދަތުރުފުޅަކީ މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ މެހެމާންދާރީގައި އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.



