މާލޭގެ އެންމެ ހުޅަނގު ފަރާތުން ވެސްޓު ޕާކު ސަރަހައްދުގައި ފެން ބޮޑުވާ މައްސަލައަށް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ހައްލެއް ލިބޭނެ ކަމަށް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މާލޭގެ ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމަށްޓަކައި ހޯމް މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު މަޝްރޫއެއް ވަނީ ފަށާފަ އެވެ.
އެ މަޝްރޫއާ ބެހޭގޮތުން މިނިސްޓަރު އާދަމް ޝަރީފް ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން މާލޭގެ އެންމެ ހުޅަނގު ފަރާތުން ވެސްޓް ޕާކް ސަރަހައްދުގައި ފެށި މަސައްކަތް ދެ ހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު އެ ސަރަހައްދުގައި ކުރަމުންދަނީ އެ ތަން ސާފު ކުރުމާއި ތާނގީއެއް ބެހެއްޓުމަށްޓަކައި ވަކި ތަނެއް ތައްޔާރު ކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ސަބަބުން ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ ހުރިހާ މަގުތައް ހެދުމުގެ މަސައްކަތް ނިމެންދެން ވެސް ފެން ބޮޑުވާ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ވެސްޓް ޕާކް ސަރަހައްދަށްފަހު ދެން މަސައްކަތް ފަށާނީ އައިޖީއެމްއެޗް ސަރަހަައްދާއި ދަރުބާރުގެ ހުންނަ ސަރަހައްދުގަ އެވެ.



