ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެ ގައުމުގެ އެހީތެރިކަން ރާއްޖެއަށް ލިބޭނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ދެއްވައިފި އެވެ.
މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖެ އާއި އިންޑިއާ ސަރުކާރާ ދެމެދު އެއްވެސް ދެކޮޅުވެރިކަމެއް ނެތް ކަމަށެވެ.
"ރާއްޖެއަށް ދިމާވާ ކަންކަމުގައި އަަޅުގަނޑުމެންނަށް އިންޑިއާގެ އެހީތެރިކަން ލިބޭނެ ކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
"ރާއްޖޭގެ މިނިވަންކަމަށާއި އަދި އޭގެ އިތުރުުން ރާއްޖޭގެ ތަރައްގީއަށްޓަކައި [އިންޑިއާއިން] ވަރަށް ގިނަ މަސައްކަތްތަކެއް [ކޮށްދިން]. ވަރަށް ބޮޑު ބައިވެރިވުމެއް އޮތް ގައުމެއް އިންޑިއާއަކީ."
މިނިސްޓަރު ވިދާޅުވީ އެންމެ ފަހުން އޭނާ އިންޑިއާއަށް ކުރެއްވި ދަތުރުގައި ވެސް އެ ގައުމުގެ ސަރުކާރުން ބެހެއްޓީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ.
"އަޅުގަނޑުމެންނާ އިންޑިއާއާ އެކީ އޮތީ ވަރަށް ގާތް ގުޅުމެއް. މި ގުޅުން ހީނަރުވާނެ ގޮތަކަށް ސަރުކާރުގެ ޕޮލިސީތައް ބައްޓަން ނުވެސް ކުުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.



