ސްކޫލް ކުދިންނަށް މަސްތުވާތަކެތި ހިމެނޭ ވޭޕް އޮޅުވާލައިގެން ދޭކަން ފާހަގަކުރެވިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާާބެހޭ ވަޒީރު ޢަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު އިހުސާން މި މަޢުލޫމާތު ހާމަކުރެއްވީ މޯލްޑިވްސް ކަސްޓަމްސް އިން ވޭޕް އޮއިލްގެ ނަމުގައި ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކވާތަކެތީގެ ޝިޕްމެންޓެއް އަތުލައިގަތުމާ ގުޅިގެންނެވެ. މި ޝިޕްމެންޓްގައި ހުރީ ކެނެބިސް އަޅާފައިވާ ވޭޕް ކާޓްރިޖްތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވޭޕް މަނާކުރުމުގެ ނިންމުން ނިންމަވަން ޖެހުނު އެންމެ ބޮޑު ސަބަބު،" އިހުސާން ވިދާޅުވިއެވެ. "ސްކޫލްތަކުގެ ކިޔަވާ ކުދިންނަށް މިފަދަ މަސްތުވާތަކެތި ހިމެނޭ ވޭޕް އޮޅުވާލައިގެން ދެމުންދާކަން ވަނީ ފާހަގަކުރެވިފައި."

މި މައްސަލައާ ގުޅިގެން، ރައީސް މުއިއްޒު ވަނީ ރާއްޖޭގައި ވޭޕް މަނާކުރުމަށް ނިންމަވާފައެވެ. މިގޮތުން، 15 ނޮވެމްބަރ 2024 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖެއަށް އެތެރެކުރުން މަނާކުރެވޭނެއެވެ. އަދި 15 ޑިސެމްބަރ 2024 އިން ފެށިގެން ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރުކުރުމާއި ހިލޭ ބެހުން މަނާކުރެވޭނެއެވެ.
އެގޮތުން މި ނިންމުން ތަންފީޒުކުރުމަށްޓަކައި، ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވެފައިވަނީ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މި ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.



