ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މަތީ ތަޢުލީމުގެ ދާއިރާތަކާ ގުޅޭ ދިރާސާ ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.
މި ދިރާސާއަކީ ވޯލްޑް ބޭންކުގެ އެހީގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި، ހުނަރުތައް ތަރައްޤީ ކުރުމާބެހޭ ވުޒާރާގެ ދަށުން ހިންގާ ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސަސް (ސެއިލްސް) ޕްރޮޖެކްޓް މެދުވެރިކޮށް ކުރިއަށްގެންދާ މަސައްކަތެކެވެ.
މި ދިރާސާގެ މަޤްޞަދަކީ ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް އެންމެ ބޭނުންވާ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމެވެ. މިކަމަށްޓަކައި ސަރުކާރުގެ ހުރިހާ އިދާރާތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ކައުންސިލްތަކާ މުޢާމަލާތްކޮށް މަޢުލޫމާތު ހޯދާފައިވާ ކަމަށް ވުޒާރާއިން މަޢުލޫމާތު ދިނެވެ.
"ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑް އެނާލިސިސް" ގެ ނަމުގައި ކުރިއަށްގެންދާ މި ދިރާސާގެ ފުރަތަމަ ޑްރާފްޓް ވަނީ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، އެ ރިޕޯޓާ ގުޅޭ ވެލިޑޭޝަން ވޯކްޝޮޕެއް ބާއްވާފައެވެ. މިހާރު ސެއިލްސް ޕްރޮޖެކްޓުން މަޢުލޫމާތު ލިބިފައިނުވާ ފަރާތްތަކުން މަޢުލޫމާތު ހޯދުމުގެ މަސައްކަތާއި، މިހާތަނަށް ލިބިފައިވާ މަޢުލޫމާތު ތަރުތީބުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވުޒާރާއިން ހާމަކުރިއެވެ.
މި ދިރާސާ ނިމުމުން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މަތީ ތަޢުލީމުގެ ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކުން ތަމްރީނު ލިބިފައިވާ މީހުން އުފެއްދުމަށް ބޭނުންވާ މަޢުލޫމާތު ލިބި، ކަމާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް މަގުފަހިވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.



