އުތުރު ތިލަފަޅުގައި އެއްވެސް އަސްކަރީ ބަޔަކު ނެތްކަން ދިފާއީ ވަޒީރު ޣައްސާން މައުމޫން ކަށަވަރުކޮށްދެއްވައިފިއެވެ.
އުތުރުތިލަފަޅަކީ ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރެއް ގާއިމް ކުރަމުންދާ ފަޅެކެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ޣައްސާން ވިދާޅުވީ، އުތުރު ތިލަފަޅުގައި އެއްވެސް އަސްކަރީ ބަޔަކު ނެތް ކަމަށެވެ.
މިދިޔަ ސަރުކާރުން އުތުރު ތިލަފަޅުގައި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ބޯ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ނިންމިއެވެ. އަދި އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރެއް ނުވަތަ ޑޮކްޔާޑެއް ހަދަން އިންޑިއާގެ ކުންފުންޏަކާއި މިދިޔަ ސަރުކާރުން ހަވާލު ކުރިއިރު، އެ މަސައްކަތް ވަނީ ފަށައިފައެވެ. އެ މަސައްކަތް ފެށިކަން އެއިރުގެ ސަރުކާރުން ނިންމީ މެއި 9ގައެވެ.
އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރެއް ނުވަތަ ޑޮކްޔާޑެއް ހަދަން 186 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) އަށް ހަވާލު ކުރީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ރެއިލް ވިކާސް ނިގަމްއާއެވެ.
މިކަމުގެ އެއްބަސް ވުމެއްގައި އިންޑިއާ އެކު ޑިފެންސް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކުރީ 2022 ވަނަ އަހަރުގެ ފެބްރުއަރީ 21 ގައެވެ.
އެއިރު އެތަނުގައި އިންޑިއާ ސިފައިންގެ މަރުކަޒެއް އަޅަން އުޅޭ ކަމުގެ ވާހަކަތަކެއް ދެކެވުނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ހާރިޖީ ވަޒީރު މޫސާ ޒަމީރް ވިދާޅުވީ، އެތަަނަކީ އިންޑިއާ ގްރާންޓް އެއިޑެއްގެ ދަށުން މިހާރުވެސް ހިނގަމުންދާ މަޝްރޫއެއް ކަމަށާއި، އެތަނުގައި އަމަލު ކުރަނީ އެ ގްރޭންޓް އެއިޑްގެ މަޝްރޫއާ ގުޅިގެން އަމަލު ކުރަން ޖެހޭ ގޮތަށް ކަމަށެވެ.
މި ސަރުކާރުން ނިންމާފައި ވަނީ އުތުރު ތިލަފަޅުގައި "ފުޑް ސެކިއުރިޓީ" ޕްރޮޖެކްޓް ހިންގުމަށެވެ.
އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ އިގްތިސާދީ ޒޯނެއް ތަރައްގީކުރުމަށް ޗައިނާ ކުންފުންޏަކާއެކު އެއްބަސް ވުމުގައި ސޮއިކުރީ މިދިޔަ މާރިޗް މަސް ތެރޭގައެވެ.
އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވިގޮތެއްގައި ދަނޑުވެރިކަންކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންއާއި (އެމެއައިޑީ)، އާއި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި އެކު ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯނެއް (އޭއީޒެޑް) ގާއިމްކުރުމަށް އެމްއޯޔޫއެއްގައި ސޮއި ކުރީ މާރިޗް 28ގައެވެ.
މިއީ ކާބޯތަކެތީގެ ރައްކާތެރިކަން ރާއްޖޭގައި ގާއިމްކުރުމަށް ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ދަށުން ކުރެވޭ މަސައްކަތެކެވެ.



