ސައުދި އަރަބިއްޔާގެ މަދީނާގައި ހުންނަ މުސްލިމުންގެ މުޤައްދަސް މިސްކިތް، މަސްޖިދުއް ނަބަވީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޒިޔާރަތް ކުރައްވައިފިއެވެ.
ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްޞަ މެހެމާން ދާރީގައި ކުރައްވާ އުމްރާ ދަތުރުފުޅެއްގައި އެމަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ފުރާވަޑައިގެންނެވީ އިއްޔެއެވެ.
އެމަނިކުފާނާއެކު މި ދަތުރުފުޅުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޟް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ ޢާރިފް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ޢަބްދުﷲ ނާޞިރު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުފުޅުގެ ތެރެއިން ރައީސް އާއި އެމަނިކުފާނާއެކު ވަޑައިގެންނެވި ބޭފުޅުން މަދީނާއަށް ވަޑައިގެންނެވިއިރު، މިއަދު މަސްޖިދުއް ނަަބަވީއަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ.
ރައީސްގެ ދެކަނބަލުންނާ އަރިހުގައި ވަޑައިގަންނަވާ ބޭފުޅުން މި ދަތުރުފުޅު ކުރައްވަނީ އެ ގައުމުގެ ސަރުކާރުން ފޮނުއްވި ހާއްސަ މަތިންދާ ބޯޓެއްގައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.



