މި އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 11 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީއިން މިދިޔަ މަހުގެ 25 ވަނަ ދުވަހު އާންމުކޮށްފައިވާ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.7 އިންސައްތައިގެ ކުރިއެރުމެއް އާންމުދަނީއަށް ވަނީ ލިބިފައެވެ.
އެގޮތުން މިއަހަރު މިހާތަނަށް ދައުލަތަށް 11.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަކީ 10.7 ބިލިއަން ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައިވާ ގޮތުން ޓެކްސްތަކަށް 9.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އޭގެ އިތުރުން، އިތުރުން އެހީގެ ގޮތުގައި 51.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ޓެކްސް އާމްދަނީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިމްޕޯޓް ޑިއުޓީ އާއި ބީޕީޓީގެ އިތުރުން ޖީއެސްޓީއެވެ.
ޓެކްސް އާމްދަނީގެ އަދަދުތަކަކީ އިމްޕޯޓް ޑިއުޓީއަށް 700 މިލިއަން ރުފިޔާ، ބީޕީޓީއަށް 2.6 ބިލިއަން ރުފިޔާ، ޖީއެސްޓީއަށް 5.1 ބިލިއަން ރުފިޔާ، ގްރީން ޓެކުހަށް 374.8 މިލިއަން ރުފިޔާ، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްހަށް 348.5 މިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި އަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދުތައް ހުރީ 12.6 ބިލިއަން ރުފިޔާގައި ކަމަށެވެ. ހަރަދުތަކަށް ބަލާއިރު ރިކަރަންޓް ޚަރަދަށް 9.7 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދަށް 2.8 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ހަރަދަށް 15.8 ބިލިއަން ރުފިޔާ ހޭދަވިއެވެ.
އެއާޕޯޓް ޑިޕާޗާ ޓެކްސާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އެއްކޮށްލައިގެން ދައުލަތަށް ވަނީ 704.5 މިލިއަން ރުފިޔާ ލިބިފައެވެ. އެ ރިޕޯޓުން ދައްކާ ގޮތުގައި، އެއާޕޯޓް ޑިޕާޗާ ޓެކްސްގެ ގޮތުގައި މިދިޔަ މަހު ދައުލަށް ލިބުނީ 348.5 މިލިއަން ރުފިޔާއެވެ. އަދި އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބުނީ 356 މިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރު މި މުއްދަތުގައި އެ ދެ ޓެކްސްއިން ދައުލަތަށް ލިބުނީ 633.3 މިލިއަށް ރުފިޔާއެވެ. އެހެންކަމުން މިދިޔަ އަހަރާއި އަޅާބަލާއި މިއީ 11 އިންސައްތައިގެ އިތުރުވުމެވެ.



