ހުޅުމާލެއިން ދިވެހިންނަށް ޚާއްސަކޮށްގެން އިތުރު 18 ބިމެއް ވިއްކަން ހުޅުވާލައިފިއެވެ. މި ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ފަޅިންނެވެ.
އެޗްޑީސީން މިކަން އިޢުލާންކުރެއްވިއިރު ވިދާޅުވެފައިވަނީ، ވިއްކުމަށް ހުޅުވާލާފައިވާ 18 ބިމުގެ ތެރޭގައި ހިމެނެމެނެނީ ބީޗްފްރަންޓް 2 ބިމަކާއި، ބީޗް ސައިޑް 16 ބިމެއް ކަމަށެވެ. މި ބިންތަކަކީ 1864 އަކަފޫޓާއި 2408 އަކަފޫޓުގެ ބިންތަކެކެވެ.
މި ބިންތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. ދިވެހި އަމިއްލަ ފަރުދުންގެ އިތުރުން 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށްވެސް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
އެޗްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ބިން ވިއްކުން ކުރިއަށްދާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހަޅާއިރު، ދެވަނަ މަރުހަލާގައި އެކަކަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ބިންތައް ބިޑުކުރުން ކުރިއަށްދާނެއެވެ.
ދިރިއުޅުމުގެ ބޭނުމަށް ހަމައެކަނި ދިވެހިންނަށް ވިއްކާ ބިންތަކުގެ ބީލަން ފެށޭނީ އަކަފޫޓަކަށް 4000 ރުފިޔާއިންނެވެ.
މިދިޔަ މޭ މަހު ހުޅުމާލެއިން ދިރިއުޅުމުގެ ބޭނުމަށް ބިންތައް ވިއްކަން ހުޅުވާލި ފަހުން، މިހާރު އިޢުލާންކޮށްފައިވާ 18 ބިން ހިމެނޭހެން ޖުމްލަ 58 ބިމެއް ގަތުމަށް ވަނީ ހުޅުވާލާފައެވެ.



