ދާދިފަހުން ނެރެފައިވާ ބޮލީވުޑްގެ ފިލްމެއް ކަމަށްވާ "ކޭލް ކޭލް މޭ" ނެޓްފްލިކްސް އިން މިއަދު ޕްރެމިއަރ ކޮށްފިއެވެ. މި ފިލްމަކީ މިދިޔަ އޮގަސްޓު މަހު ސިނެމާތަކުގައި ދައްކާފައިވާ ފިލްމެކެވެ.
ސިނެމާތަކުގައި މި ފިލްމު އެޅުވުމުން އުންމީދު ކުރި ވަރުގެ ކާމިޔާބީއެއް ނުލިބުނު ކަމަށް ވަނީ ފާހަގަކުރެވިފައެވެ. ބެލުންތެރިންގެ ފަރާތުން ލިބިފައިވަނީ ވަރަށް ފިނި ކޮމެންޓުތަކެކެވެ. އެގޮތުން ގިނަ ބަޔަކު ބުނެފައިވަނީ އެއީ ބަލާހިތުން ބަލަން ދިޔަ ފިލްމެއް ނަމަވެސް، "ރީތި ނޫން" ކަމަށެވެ.
"ކޭލް ކޭލް މޭ" އަކީ އަކްޝޭ ކުމާރުގެ "އެކްޝަން ރިޕްލޭ" އާއި "ނަމަސްތޭ ލަންޑަން" ގެ ޑައިރެކްޓަރު ވިޕުލް ޝާހް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ފިލްމެކެވެ. މުދައްސަރު އަޒީޒު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ކާސްޓްގައި ވާނީ ކަރީނާ ކަޕޫރް، އައްމީ ވާކް، ތާޕްސީ ޕައްނޫ، އަދިތިޔާ ސީލް، ފަރުދީން ޚާން އަދި ޕްރަގިއާ ޖެއިސްވާލް ވެސް ހިމެނެއެވެ.
މުދައްސަރު އަޒީޒަކީ "ހެޕީ ބާގް ބާގް ޖާއޭގީ" އާއި "ޕަތީ ޕަތުނީ އޯރް ވޯ" ފަދަ މަޝްހޫރު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެކެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ ސޮނާކްޝީ ސިންހާ އާއި ހުމާ ގްރޭޝީއާ އެކީ 2022 ގައި ގެނެސްދިން "ޑަބަލް އެކްސްއެލް" އެވެ.
މިއަހަރު އަކްޝޭ ކުމާރުގެ އިތުރު ފިލްމުތަކެއްވެސް ވަނީ ރިލީޒްކޮށްފައެވެ. އޭގެ ތެރޭގައި "ބަޅޭ މިޔާ، ޗޯޓޭ މިޔާ" އަދި "ސަރްފީރާ" ހިމެނެއެވެ. އަދި "ކޭލް ކޭލް މޭ" އާ އެއް ދުވަހެއްގައި ސިނަމާތަކަށް ގެނެސްދިން، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "އިސްތިރީ 2" ގައި ވެސް އަކްޝޭގެ ހާއްސަ ފެނިލުމެއް ހިމެނެއެވެ.
ނެޓްފްލިކްސްގައި މި ފިލްމު ޕްރިމިއަރ ކުރުމާއެކު، ސިނެމާތަކުގައި ލިބުނު ނާކާމިޔާބީ އާ ޚިލާފަށް، އޮންލައިން ޕްލެޓްފޯމްގައި މި ފިލްމަށް ކިހާ ވަރެއްގެ މަޤްބޫލުކަމެއް ލިބޭނެ ކަމާއިމެދު ގިނަ ބަޔަކު ޝައުޤުވެރިވެފައެވެ.



