ސައިބަރ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި ބޮޑެތި ގައުމުތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ރާއްޖެއިންވެސް ކުރައްވަން ޖެހޭ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.
ސައިބަރ ސެކިއުރިޓީގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ. ކިނާނަތު ވިދާޅުވީ، މިހާރު ސައިބަރ ސެކިއުރިޓީ ތްރެޓް ލެވެލް ހުރީ ނުހަނު ކަންބޮޑުވާ ހިސާބެއްގައި ކަމަށެވެ. އަދި މިކަމުން ރައްކާތެރިވުމަށްޓަކައި ބޮޑެތި ގައުމުތަކުން ކުރަމުން ގެންދަވާ މަސައްކަތްތައް ރާއްޖެއިންވެސް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވަކިން ޚައްސަކޮށް ބޭނުންވީ އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީގެ މުހިންމު ކަމުގެ ވާހަކަ ދައްކަން. އަދި ވަކިން ޚާއްސަކޮށް ދުނިޔޭގެ ކޮންޓެކްސްޓްގަ އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ގޮސްފަވާ ހިސާބާއި އަދި އޭގެ އިތުރުން ރާއްޖޭގަވެސް ކުރިއަށްއޮތް ތަނުގަ އޭއައި ބޭނުންކޮށްގެންނޭ ސިސްޓަމްތައްވެސް ޑިޒައިންކުރެވެން ޖެހޭނީ," ޑރ. ކިނާނަތު ވިދާޅުވިއެވެ.
މީގެ އިތުރުން، އެންސީއައިޓީން އޭއައިއާ ބެހޭ ހޭލުންތެރި ޕްރޮގްރާމުތައް ހިންގުމާއި އޭއައިގެ މުހިންމުކަން ރައްޔިތުންނަށް އަންގައިދޭނެ ކަމަށް ޑރ. ކިނާނަތު ވިދާޅުވިއެވެ. އަދި ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހަކީ އިންޓަރނެޓް މެދުވެރިކޮށް ހިންގާ ކުށްތަކާމެދު ހޭލުންތެރިކުރުވުމަށް ފާހަގަކުރާ މަހެއްގެ ގޮތުގައި، މި މަސްތެރޭ ރައްޔިތުން ހޭލުންތެރިކުރުވުމަށް އެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މި ސިމްޕޯޒިއަމްއަކީ އެންސީއައިޓީން މިފަދަ ސިމްޕޯޒިއަމެއް ކުރިއަށް ގެންދިޔަ 3 ވަނަ ފަހަރެވެ. އަދި އަންނަ އަހަރުން ފެށިގެން މި ޒިންމާ ނެޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީއަށް ޙަވާލުކުރުމަށް އެންސީއައިޓީން މަސައްކަތް ކުރަމުންދާ ކަމަށްވެސް ޑރ. ކިނާނަތު ހާމަކުރެއްވިއެވެ.
މި ސިމްޕޯޒިއަމްގެ ފުރަތަމަ 3 ދުވަހު ވަނީ އާރޓިފިޝަލް އިންޓަލެޖެންސް އަދި ސްމާޓް ޓެކްނޮލަޖީއަށް ދޭ އަހައްމިޔަތުގެ މައްޗަށް މަޢުލޫމާތު ހިއްސާކޮށްފައެވެ. މި އަހަރުގެ ސިމްޕޯޒިއަމް އަމާޒުކޮށްފައިވަނީ ސަރުކާރުގގެ އިސް ފަރާތްތަކާއި، ކުންފުނިތަކުގެ ވެރިންނާއި، އައިޓީ ޕްރޮފެޝަނަލުންނާއި، ތަޢުލީމީ ދާއިރާގެ ފަރާތްތަކާއި، އަދި ޢާންމު ރައްޔިތުންނަށް ކަމަށް ޑރ. ކިނާނަތު ވިދާޅުވިއެވެ.
އެންސީއެސްއޭ އިން ސައިބަރ ސެކިއުރިޓީގެ މަސައްކަތްތައް އައު ހަރުފަތަކަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ޤައުމަށް ވަރުގަދަ އަދި މި މުސްތަޤްބަލަށް ފެތޭ ޑިޖިޓަލް މާޙައުލެއް އުފެއްދުމަށް އަމާޒުކޮށްގެން އިތުރު ހަރަކާތްތަކެއް ފެށުމަށް ވަނީ ހަމަޖެހިފައިވާ ކަމަށްވެސް ޑރ. ކިނާނަތު ފާހަގަކުރެއްވިއެވެ.
އަދި ކުރިއަށް އޮތްތަނުގައި އާރޓިފިޝަލް އިންޓަލެޖެންސްގެ މަސައްކަތްތައް ރާވާ ހިންގުމަށް އެންސީއައިޓީން މިހާރުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ޑރ. ކިނާނަތު ވިދާޅުވިއެވެ.
ޑރ. ކިނާނަތު ވިދާޅުވީ، މިފަދަ ސިމްޕޯޒިއަމްތައް ބޭއްވުމުގެ މުހިންމު ބޭނުމަކީ ސައިބަރ ސެކިއުރިޓީގެ ނުރައްކާތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުން ކަމަށާއި އަދި އެކި ނަންނަމުގައި ކުރިއަށް އޮތްތަނުގައި މިފަދަ ސިމްޕޯޒިއަމްތައް ބާއްވާނެ ކަމަށެވެ.
މި ސިމްޕޯޒިއަމްގެ ސަބަބުން ސައިބަރ ސެކިއުރިޓީ އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ރާއްޖޭގެ ޤާބިލުކަން އިތުރުވެ، ޒަމާނީ ޓެކްނޮލޮޖީގެ ގޮންޖެހުންތަކަށް ތައްޔާރުވުމަށް މަގުފަހިވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.



