ލ. އަތޮޅުގެ ތިން ޖަމްއިއްޔާއަކަށް ޖުމްލަ 1.5 މިލިއަން ރުފިޔާގެ އެހީ މިއަދު ދޫކޮށްފިއެވެ.
މި އެހީ ދޫކޮށްފައިވަނީ "އެންހޭންސިން ނޭޝަނަލް ޑިވެލޮޕްމަންޓް ތުރޫ އެންވަޔަރަންމަންޓަލީ ރެޒިލިއެންޓް އައިލެންޑްސް" (އެންދެރި) މަޝްރޫއުގެ ދަށުންނެވެ.
މި އެހީ ދޫކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާއިރު މި ރަސްމިއްޔާތުގައި ގްރާންޓް ލިބުނު ކަމުގެ ލިޔުން ހަވާލުކުރެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތާރިގް އިބްރާހިމެވެ.
މި އެހީ ދޫކޮށްފައިވަނީ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި މަދަނީ ޖަމްއިއްޔާތަކާއި އާންމު ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި އެންދެރި މަޝްރޫޢިން ދޫކުރާ ސްމޯލް ގްރާންޓްސްގެ ދެވަނަ ބުރުގެ ދަށުންނެވެ.
ވަޒީރު ތާރިގް ވިދާޅުވި ގޮތުގައި، މި ގްރާންޓްތަކަކީ ލާމު އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ފައިދާ ފުރިހަމަ ގޮތުގައި ހޯދުމަށް ލިބުނު އަގުހުރި ފުރުސަތެއް ކަމަށެވެ. އަދި މި ގްރާންޓްތައް އަވަސް ގޮތެއްގައި ރަނގަޅަށް ބޭނުންކޮށްފިނަމަ މިފަދަ އެހެން ގްރާންޓްތަކާއި މަޝްރޫޢޫތަކަށް ވެސް ދޮރުތައް ހުޅުވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ގްރާންޓްތަކުގެ ދަށުން ލ. ގަން، މާބައިދޫ އަދި ހިތަދޫއަށް ކޮންމެ ރަށަކަށް 500,000 ރުފިޔާގެ ހިލޭ އެހީ ދީފައިވެފައިވެއެވެ. މި ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެންދެރި މަޝްރޫޢިން މި ރަށްތަކުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކަށް ތައްޔާރުކޮށްދީފައިވާ މެނޭޖްމަންޓް ޕްލޭންތައް ތަންފީޒު ކުރުމަށެވެ.
އެންދެރި މަޝްރޫއަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) ގެ ހިލޭ އެހީގެ ދަށުން، މޫސުމާބެހޭ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަޤްޞަދަކީ ރާއްޖޭގެ ދިރޭތަކެތީގެ ނަސްލުތަކާއި ގުދުރަތީ މާހައުލު ރައްކާތެރިކޮށް ދެމެހެއްޓުމާއި، ތިމާވެށީގެ ދުޅަހެޔޮކަން އިތުރުކުރުމެވެ.
2022 ވަނަ އަހަރު ހިންގި ގްރާންޓްގެ ފުރަތަމަ ބުރުގައި ލ. އަތޮޅުގެ 10 ރަށަކުން 10 ޖަމްއިއްޔާއަކަށް ޖުމްލަ 2.1 މިލިއަން ރުފިޔާ ވަނީ ފޯރުކޮށްދީފައެވެ. މިއީ އެންދެރި މަޝްރޫއުގެ ދަށުން ދެވޭ އެހީތަކުގެ ދެވަނަ ބުރެވެ.



