ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށިފައިވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ބުނީ ހުޅަނގު މޫސުމުގެ އަސަރުތައް އާއްމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށާ ކަމަށާއި، އޭގެ ފަހުން އެ މޫސުމުގެ އަސަރު މެދުރާއްޖެ ތެރެއަށް ފޯރާ ކަމަށެވެ. އަދި މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާކަމަށް އެ އިދާރާއިން ބުންޏެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައިވަނީ އިއްޔެ ކަމަށެވެ.
ހުޅަނގު މޫސުން ފެށުނުކަމަށް ބަލާ މިންގަނޑަކީ މެއި މަހުގެ އެއްވަނަ ދުވަހުގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އިތުރަށް ވާރޭ ވެހުން ކަމަށާއި އަދި އެ ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ. އަދި ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރުމާއި، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ވައި ޖެހުމާއި، އަދި އެ ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީގޮތުން ބަލާއިރު ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާރޗް މަހުގެ ނިޔަލެވެ. އަދި ހުޅަނގު މޫސުމަކީ މެއި މަހުން ފެށިގެން ގާތްގަނޑަކަށް ނޮވެމްބަރު މަހުގެ ނިޔަލެވެ.



