ޔުއެފާ ނޭޝަންސް ލީގުގައި ރޭ ނެދަލެންޑްސް އާއި ހަންގޭރީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ. މެޗުގެ 32 ވަނަ މިނެޓްގައި ހަންގޭރީއަށް ލަނޑު ޖަހައިދިނީ ރޮލަންޑް ސަލައި އެވެ. އެހެންނަމަވެސް ހުރިހާ ގޮތަކުންވެސް އެންމެ ރަނގަޅަށް ކުޅެފައިވަނީ ނެދަރލެންޑްސްއެވެ. މުޅި މެޗު އެޓީމުން ޑޮމިނޭޓް ކުރިއިރު ހަންގޭރީގެ ގޯލަށް 16 ހަމަލާ ފޮނުވިއެވެ.
ރޭ ފެނުނީ ހަނގޭރީން ނެދަރލޭންޑް ހުއްޓުވުމަށްޓަކައި ގިނަ ފައުލްތަކެއް ކުރި މަންޒަރެވެ.
ފައުލް ކޮށްގެން 27 ފަހަރު ރެފްރީ ކަށިގަނޑު ފުއްމާފައިވާއިރު އޭގެތެރެއިން 19 ފަހަރަކީ ހަންގޭރީން ކުރި ފައުލްތަކާއި ގުޅިގެން ރެފްރީ ކަށިގަނޑު ފުންމާލި ފަހަރުތަކެވެ.
ރޭގެ މެޗަށް ބޮޑު ބަދަލެއް އައީ މެޗުގެ 79 ވަނަ މިނެޓްގައި ނެދަލެންޑްސްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލި ހިސާބުންނެވެ.
ދިހަ ކުޅުންތެރިންނަށް ދަށްވި ނަމަވެސް، ނެދަލެންޑްސް އިން ވަނީ 83 ވަނަ މިނެޓުގައި ކޯޑީ ގަކްޕޯ ފޮނުވާލި ހިލޭ ޖެހުމަކުން ޑެންޒެލް ޑަމްފްރައިޒް މެދުވެރިކޮށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މި ނަތީޖާއާއެކު ނެދަލެންޑްސް އޮތީ ގްރޫޕް އޭގެ ދެވަނައިގައި ފަސް ޕޮއިންޓާއެކުގައެވެ.



