ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުމަށްޓަކައި ކުރިއަށްގެންދާ އޮޕަރޭޝަން "ކުރަނގި"ގެ ތެރެއިން 532 ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު ހޯދާފައިވާކަމަށް ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ކުރަނގި އޮޕަރޭޝަން ފަށާފައިވަނީ މި މަހުގެ 2 ވަނަ ދުވަހު ކ. ހިންމަފުށީގައެވެ.
މި އޮޕަރޭޝަނާ ގުޅޭ ގޮތުން މިނިސްޓަރ އިހުސާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް އެރަށުގައި މަސައްކަތް ކުރަމުންދާ 532 ބިދޭސީ މަސައްކަތްތެރިންގެ ބަޔޮމެޓްރިކް ޑާޓާ (10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަން ހެދޭވަރުގެ ފޮޓޯ) ނަގާ، ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު ބަލަހައްޓާ ސިސްޓަމަށް އަޕްލޯޑުކޮށްފައިވާ ކަމަށެވެ.
އިހުސާން ވިދާޅުވީ ކުރަނގި އޮޕަރޭޝަން ވަރަށް އަވަހަށް ރާއްޖޭގެ ފަސް ސަރަޙައްދެއްގައި އެއް ފަހަރާ ފެށިގެންދާނެ ކަމަށެވެ.
ހިންމަފުށީގައި މި އޮޕަރޭޝަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމްލޭންޑް މިނިސްޓަރ އަލީ އިޙުސާން ވިދާޅުވީ މި އޮޕަރޭޝަނުގެ މަޤުޞަދަކީ ރާއްޖޭގައި ތިބި ބިދޭސީން ހިފާ ހައްޔަރުކޮށް އަނބުރާ ޤައުމަށް ފޮނުވާލުން ނޫންކަމަށާއި، މި އޮޕަރޭޝަނުގެ ފުލް ސްކޭލް ފޯކަސްއަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަނެ އެމީހުން ތިބީ ކޮންތާކުތޯއާއި އެމީހުން ކުރަމުން އަންނަ މަސައްކަތާއި އެމީހުންގެ އައިޑެންޓިޓީއަކީ ކޮބައިތޯ ކަށަވަރުކުރުން ކަމަށެވެ.
އިޙުސާން ވިދާޅުވީ ހިންމަފުށީގައި ކޮންސްޓްރަކްޝަން މަސައްކަތާއި ކެއްކުމާއި ކުނި ކެހުމުގެ މަސައްކަތުގައިވެސް ބިދޭސީން އުޅޭއިރު، އޭގެ ތެރެއިން ބައެއް ބިދޭސީންނަކީ ޤަވާއިދާ ޚިލާފަށް އުޅޭ މީހުންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ބިދޭސީންގެ ތެރެއިން ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުން އަންނަ ބިދޭސީން ނިޒާމުގެ ތެރެއަށް ގެންނާނެ ކަމަށްވެސް އިހުސާން ވިދާޅުވެފައިވެއެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ޤައުމީ ސެކިއުރިޓީއަށް އޮތް ނުރައްކަލެއްގެ ގޮތުގައި ބަލަމުންދާ ކަމެއް ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ރާއްޖޭގައި ޤަވާއިދު ހެދިފައި އޮންނަ ގޮތުން އެކަކުގެ ނަމުގައި ނުވަތަ އެއް ކުންފުންޏެއްގެ ނަމުގައި ރާއްޖެ އެތެރެކޮށްފައި ހުންނަ މީހަކު އެހެން ކުންފުންޏެއްގައި މަސައްކަތް ކުރަން ދިއުމަކީ އޭގެ ޒާތުގައި ޤަވާއިދާ ޚިލާފުވުން ކަމަށާއި އެ މައްސަލަ ރާއްޖޭގައި ވަރަށް އާންމުވެފައިވާކަމަށް އިޙުސާން ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްރަށުގައި ތިބޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށްޓަކައި މިނިސްޓްރީގެ ޑޭޓާތަކުގެ އެކްސެސް ކައުންސިލްތަކަށް ދޭނެކަމަށްވެސް އިޙުސާން ވިދާޅުވިއެވެ. އިޙުސާން ވިދާޅުވީ އެހެން ހެދުމަށް ނިންމީ މިހާރު އޮތް ހާލަތުން ކައުންސިލްތަކަށް އެކަން ކުރަން އުނދަގޫވާނެތީ ކަމަށެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ހައްލުކުރާނެ ކަމަށްވެސް އިޙުސާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.



