ބިންހިއްކުމާއި ފަޅުކޮނުން ފަދަ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފިއެވެ.
އީޕީއޭއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މި ދުވަސްވަރަކީ ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާހުދުވަމުންދާ ދުވަސްވަރެއް ކަމަށެވެ. ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާހުދުވުމުގެ ހާދިސާއެއް އެންމެ ފުރަތަމަ ފަހަރަށް 1998 ވަނަ އަހަރު ފާހަގަ ކުރެވުނު ފަހުން، މިފަދަ ހާދިސާތައް މެދުވެރިވާ މިންވަރު ގާތްވަމުން އަންނަކަމަށް ފާހަގަ ކުރެވިފައިވާ ކަމަށާއި، މިފަދަ ދުވަސްވަރެއްގައި ހިންގޭ ހަރަކާތްތަކުން ފަރުތަކަށް ކުރާ އަސަރުގެ ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވުން، އަދި އިއާދަވުމަށް ހުރަސް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް އީޕީއޭ އިން ބުންޏެވެ.
އީޕީއޭ އިން ބުނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވުމުންދާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާއި، ބީޗް ނަރިޝްމަންޓް މަސައްކަތްތަކަކީ، އެ މަސައްކަތްތަކުގެ ސަބަބުން ފަރުތަކުގެ މާހައުލަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަންތައްތައް ކަމަށެވެ.
އީޕީއޭ އިން ބުނީ ދުނިޔޭގެ ކަނޑުތަކުގެ ފިނި ހޫނުމިން ބެލުމަށް، އަދި ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުގެ ގާހުދުވުމުގެ ހާދިސާތައް ކުރިއާލައި ލަފާ ކުރުމަށް އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (NOAA) އިން ހިންގާ "ނޭޝަނަލް އެންވަޔަރަންމަންޓަލް ސެޓަލައިޓް ޑޭޓާ އެންޑް އިންފޮރމޭޝަން ސަރވިސް" ޕްރޮގްރާމުން އެންމެ ފަހުން ނެރެފައިވާ ސެޓަލައިޓް މައުލޫމާތަށް ބަލާއިރު ރާއްޖެ މިވަގުތު އޮތީ "އެލާރޓް ލެވަލް 1" ގައި ކަމަށެވެ. އަދި ރާއްޖޭގެ ގިނަ ސަރަހައްދުތަކަކުން ގާހުދުވާ ކަމުގެ ރިޕޯޓާއި އެކަމާއި ގުޅޭ މަޢުލޫމާތު ލިބެމުންދާ ކަމަށާއި، ދިވެހި ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަރުތައް ގުޅިފައިވާއިރު، ދުނިޔޭގެ ފިނިހޫނުމިން މަތިވުމާއި ގުޅިގެން މެދުވެރިވާ ހާދިސާތަކުގެ ސަބަބުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވެން އޮތް އެންމެހައި ކަމެއް ކުރުމަކީ ރާއްޖޭގެ ފަރުތަކުގެ ދެމެހެއްޓުމަށާއި، ފަރުތަކުގެ މައްޗަށް ބަރޯސާވާ ރާއްޖޭގެ އިޤްތިޞާދުގެ މައި ދެ ތަނބުކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި މުހިންމު ކަމެއް ކަމަށް އީޕީއޭ އިން ބުންޏެވެ.
މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އީޕީއޭ އިން ވަނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ފަރުތަކަށް ސީދާ އަދި ނުސީދާ ގޮތުން އަސަރުކުރާ މަސައްކަތްތަކާއި، އީ.އައި.އޭ އާއި ބިންހިއްކުމާއި ފަޅު ފުންކުރުމުގެ ހުއްދައިގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަގުތީ ގޮތުން ހުއްޓާލަން އަންގާފައެވެ. އެގޮތުން ބިންހިއްކުން، ފަޅުކޮނުން، ގޮނޑުދޮށަށް ވެލިއެޅުން، ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުން، ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުން، ބަންޑުވޯލް ޖެހުން އަދި މިނޫނަސް މެޝިނަރީ ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތް ކުރުން ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި އީ.ޕީ.އޭ އަށް ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން މަސައްކަތްތައް ކުރުމުގެ ގޮތުން 10 ޖޫން 2024 ގެ ފަހަށް އެ މަސައްކަތްތަކުގެ ތާވަލް މުރާޖަޢާކުރުމަށް އީޕީއޭއިން ވަނީ އަންގާފައެވެ.



