ރާއްޖޭގައި ޤާއިމްވެ ތިބި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިޔަކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކަ ޤަބޫލު ނުކުރެވޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާއިން ވަނީ ތަކުރާރުކޮށް ދިވެހި ސަރުކާރަށް ކަންތައްތައް އޮޅުވާލާފައި ކަމަށެވެ. އަދި އެމީހުންގެ އަސްކަރިއްޔާ ރާއްޖެ ދޫކޮށް ގޮސްފައިވާކަމަށް ބުނެ ދައްކާ ވާހަކައަކީ ބޭކާރު ވާހަކައެއް ކަމަށާއި އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ވަރަށް ބޮޑަށް އެބަ އޮތް ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އިންޑިއާގެ ނޭވީ ހެލިކޮޕްޓަރާއި، ޑޯނިއާ އެއާކްރާފްޓާއި، ރާޑަރު ސްޓޭޝަންތަކާއި ނޭވަލްގެ ސްޓާފުން ރާއްޖޭގައި އެބަ ތިބި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށް އެންމެ ބޮޑަށް ދެއްކެވި ވާހަކައަކީ ރާއްޖޭގައި ޤާއިމްވެތިބި އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލާ، އެއްބަސްވުންތައް ބާތިލުކުރާނެ ކަމުގެ ވާހަކައެވެ.
އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު އެކުލަވާލި ކޯ ގްރޫޕްގެ މަޝްވަރާތަކަށް ފަހު ތިން ބެޗަކަށް ބަހާލައިގެން އިންޑިއާގެ ހުރިހާ ސިފައިން އިއްޔެ ފައިބާ ނިމިފައިވާކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ. ފޭބި ސިފައިންގެ މަޢުލޫމާތު ވަރަށް އަވަހަށް ޙިއްސާކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



