މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ އަންހެނަކު ނިޔާވެއްޖެއެވެ.
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކޯޕަރޭޝަނުގައި ހަވާލުގައި އެޕްރީލް/މެއި އުމްރާގައި ބައިވެރިވި އަންހެނެއް އިއްޔެ ހެނދުނުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވެފައިވާ ކަމަށެވެ.
ޝަކީލް ވިދާޅުވީ އެމީހާ ނިޔާވެފައިވަނީ މައްކާގައި ކަމަށާއި މަރްހޫމާގެ ޖަނާޒާގެ ކަންތައް ހަމަޖެއްސުމަށްޓަކައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ފޯރުކޮށްދެމުންދާ ކަމަށެވެ. އެކަމުގައި ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންނާއި އުމްރާވެރިން ތިބޭ ހޮޓަލުގެ މުވައްޒަފުންގެ ފަރާތުންނާއި ސަޢުދީގައި ޤާއިމްކުރެވިފައިވާ ދިވެހި ދައުލަތުގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކުރައްވާ ޝަކީލް ވަނީ ޝުކުރު ދަންނަވާފައެވެ.
ޝަކީލް ކުރެއްވި ޕޯސްޓުގައި އޭނާ ވަނީ ނިޔާވި މީހާގެ އާއިލާއަށް ތައުޒިޔާވެސް ދަންނަވާފައެވެ.



