އިސްލާމީ އުޞޫލުތަކަށް ކަމޭހިތާ، ޤައުމު އިސްކުރާ ޖީލެއްގެ ގޮތުގައި ކުދިން ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި އެމަނިކުފާނު ވަނީ ކުޑަކުދިންނަށްޓަކައި މި ސަރުކާރުން ރާއްވަވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ރާއްޖޭގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި، ކުޑަކުދިންނަށްޓަކައި ކޮށްދެއްވުމަށް އެރަށްރަށުން އެދިލައްވާ ކަންކަން ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުތުބުޚާނާތައް ބިނާކުރަން ފަށައި، ކުޑަކުދީންގެ ސިކުނޑިތަކަށް ޢިލްމާއި މަޢުލޫމާތުން ކާނާ ލިބޭނެ މަގުތައް އިތުރުކޮށްދެއްވާނެކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. އަދި މި ނޫންވެސް ކުޑަކުދިންނަށްޓަކައި، އެކުދިންގެ މައިންބަފައިންނާއި ބެލެނިވެރީންނާއި ސަހަރޯވެރީން ކުރައްވާ ކޮންމެ ކަމެއްގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވައި، އެކުގައި މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.
މިއަދުގެ ޚިޠާބުގައި ރައީސް ވަނީ ދިވެހިރާއްޖޭގެ އުސްތާޛުލްޖީލް މަރުޙޫމް މުޙައްމަދު ޖަމީލުދީދީ ގެ "ހައްތާވެސް ދަރީންނެވެ" ވާހަކައިން ލިބިދޭ ޢިބްރަތުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން މި ވާހަކައިން ލިބިދޭ އެންމެ ބޮޑު އެއް ޢިބްރަތަކީ، އުފަން ދަރީން ނޫނަސް، ކޮންމެ ކުޑަކުއްޖަކީވެސް ދަރިއެއްކަމުގައި ދެކި، އޯގާތެރިކަމާއި އެހީތެރިކަމާއެކު ދިރިއުޅެން ފަށައިފި މީހެއްގެ ނަފްސާއި ރޫޙަށް ލިބޭނެ ހަމަޖެހުންކަން ރައީސް ފާހަގަ ކުރައްވާފައިވެއެވެ. އަދި އެކަމަށް އެންމެންވެސް ވިސްނައި އެގޮތަށް ޢަމަލުތައް ބައްޓަންކުރުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.
ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް ވަނީ ފަލަޞްޠީނުގެ ބިމުގައި އަނިޔާ ލިބި، ބިކަ ހާލުގައި ޖެހެމުންދާ ކުޑަކުދިންގެ ހަދާންތައް އާކުރައްވައި، އެ ކުދީންގެ ތެރެއިން ޝަހީދުވާ ކޮންމެ ކުއްޖަކަށް ސުވަރުގޭގައި ކީރިތިﷲ ވަޢުދުވެވޮޑިގެންފައިވާ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުމަށާއި، އަނިޔާލިބި ގެދޮރާއި ސަހަރޯވެރީން ގެއްލި ނިކަމެތިވަމުންދާ ކޮންމެ ކުޑަކުއްޖަކަށް ކީރިތި ﷲގެ ރަޙްމަތް އިތުރުކޮށްދެއްވުން އެދި ދުޢާ ދަންނަވާފައެވެ.
ރައީސްގެ ޚިޠާބު ނިންމަވައިލައްވަމުން އެމަނިކުފާނު ވަނީ ޤައުމަށް އުޖާލާ މުސްތަޤްބަލެއް ހޯދުމަށްޓަކައި ކުޑަކުދިންގެ ޙައްޤުގައި މަސައްކަތްކުރުމަށް ދިވެހި ރައްޔިތުންނަށް ބާރުއަޅުއްވާފައެވެ.



