ކަކުލުގެ އޮޕަރޭޝަނަށްފަހު ރިކަވަރީގެ ކަންކަން ރަނގަޅަށް ކުރިއަށްދާ ކަމަށް، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ބެނެފިއެވެ.
މިހާރު އުމުރުން 39 އަހަރުގެ ދަގަނޑޭ ކަކުލުގެ އޮޕަރޭޝަން ކޮށްފައިވަނީ މިދިޔަ މަހު އިންޑިއާގައެވެ. މި އޮޕަރޭޝަން ކުރީ ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވުމަށް އޮޕަރޭޝަން ނުކޮށް، ފަސް ވަރަކަށް އަހަރު ދުވަހު ހުރުމަށްފަހުއެވެ. އޭނާގެ ކަކުލަށް އެންމެ ފަހުން އަނިޔާވީ މިދިޔަ ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕުގައި ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ދަގަނޑޭ ބުނެފަވަނީ، މިހާތަނަށް ރިކަވަރީގެ ކަންކަން ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި ރިކަވަރީ ދަތުރު އެހާ ފަސޭހަކޮށްދިން ފިޒިއޮތެރަޕިސްޓް، ޑރ. އަބީޝޭކް ޝެޓީއަށް ޝުކުރުއަދާކުރައްވާ ކަމަށާއި، އޭނާގެ ފަރާތުން ލިބިގެންދިޔައީ އަގު ނުކުރެވޭ ވަރުގެ އެއްބާރުލުމެއް ކަމަށްވެސް ވަނީ ބުނެފައެވެ.
މި އޮޕަރޭޝަންގައި ކަކުލުގެ އެންޓީރިއާ ކްރުޝުއޭޓް ލިގަމެންޓާއި، މެނިސްކަސްއަށް ލިބިފައިވާ ގެއްލުންތަކެއް ހިމެނޭހެން ޖުމްލަ ތިން މައްސަލައެއް ހައްލުކުރި ކަމަށް މައުލޫމާތު ލިބެއެވެ. އޮޕަރޭޝަނަށް ފަހު އަލުން ދަނޑަށް ނުކުންނަން ދަގަނޑޭއަށް މަދުވެގެން އަށެއްކަ މަސް ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ.
އޮޕަރޭޝަން ކުރުމުގެ ކުރިން ރާއްޖޭގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ދަގަނޑޭ ވިދާޅުވެފައިވަނީ ފޯކަސް ހުރީ ފުރަތަމަ އަނިޔާއިން އަރައިގަތުމަށް ކަމަށެވެ. އަދި ރިކަވަރީއަށްފަހު މަތީ ފަންތީގައި ކުޅޭނެކަމާ މެދު އަދި އެއްޗެއް ބުނަން ނޭގޭ ކަމަށްވެސް ބުންޏެވެ.
ގައުމީ ފުޓްބޯޅަ ޓީމަށް 98 މެޗު ކުޅެދީފައިވާ ދަގަނޑޭ ވަނީ ގައުމީ ޖާޒީގައި 58 ލަނޑު ކާމިޔާބުކޮށްފައެވެ. ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ފާހަގަކޮށްލެވޭ ދަގަނޑޭ ވަނީ ރާއްޖެއިން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕުގެ ތަށި ހޯދިއިރު، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.



