ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ ރިޔާސީ އެންމެ ބޮޑު ވަޢުދުފުޅު ތަންފީޛު ކުރުމުގެ އެއްދުވަސް ކުރިން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ އެސް ޖައިޝަންކަރު އާއި ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބައްދަލު ކުރައްވައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ތަރައްގީ ކުރުމަކީ "ދެޤައުމުގެ މަސްލަޙަތު" ކަމަށް ވިދާޅުވިއެވެ.
ޒަމާންވީ ދޯސްތު އަދި އަވަށްޓެރި ދެޤައުމުން ނިއުދިއްލީގައި ބައްދަލުކުރެއްވިއިރު އިންޑިއާގެ އަސްކަރީ ސިފައިން އަނބުރާ ގެންދިއުމަށް ރައީސް މުއިއްޒު ކަނޑައެޅުއްވި އެންމެ ފަހު ތާރީޚަކީ މިއަދެވެ. މެއި މަހުގެ 10 އެވެ. ނަމަވެސް އެކަން އެގޮތަށް ވެ ނިމިގެން ދާނެ ކަމަކަށް އެއްބަޔަކު ޤަބޫލެއް ނުކުރިއެވެ.
ކޮންމެޔަކަސް، ޒަމީރުގެ މި ދަތުރުފުޅަކީ މިދިޔަ ނޮވެމްބަރު މަހު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރެއްވި ފުރަތަމަ މަތީ ފެންވަރުގެ ދަތުރުފުޅެވެ.
ޖައިޝަންކަރާއި ޒަމީރު ވަނީ ދެޤައުމުގެ ގުޅުމާއި ސަރަޙައްދީ ސަލާމަތީ މައްސަލަތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައެވެ.
އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖެއިން ބޭރުކުރުމާއި ގުޅޭ ގޮތުން އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވަނީ އިންޑިއާގެ އަސްކަރީ ސިފައިން އެނބުރި އައިސް އެމީހުންގެ ބަދަލުގައި އިންޑިއާގެ ޓެކްނިކަލް މުވައްޒަފުން ރާއްޖޭގައި ބައިތިއްބާނެ ކަން ކަށަވަރުކޮށްދީފަ އެވެ.
އިންޑިއާގެ އަސްކަރީ 90 ވަރަކަށް މީހުން އަނބުރާ ގެންދިއުމަށް ޑިމާންޑް ކުރިއިރު މި ޒިޔާރަތް މުހިންމުވީ ކީއްވެ؟
މި ދަތުރުފުޅަކީ 'އިންޑިއާ އައުޓް' ކުރުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ޒަމާންވީ ބައިވެރިޔާއާ އެކު އުފެދިފައިވާ ފިތުނަތައް ކުޑަކުރަން ބޭނުންވާ ކަމުގެ ފުރަތަމަ އިޝާރާތެވެ. ދިވެހިރައްޔިތުންނަށް އިންސާނީ އެހީތެރިކަމާއި ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ އިންޑިއާގެ އޭވިއޭޝަން ޕްލެޓްފޯމްތައް ކުރިއަށް ގެންދިއުމަށް ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް އަދިވެސް ތައްޔާރަށް އޮތް ކަމުގެ ހެއްކެކެވެ. ކުރިން ހެދިފައިވާ އެއްބަސްވުންތަކަށް އޭގެ މަފްހޫމް ނުގެއްލޭހެން ރާއްޖެއިން ޢަމަލު ކުރާނެ ކަމުގެ ވަޢުދެކެވެ.
ހިންދުސްތާނު ސަރުކާރާއި ޙަވާލާދީ އެޤައުމުގެ މީޑިއާތަކުން ބުނަނީ ރައީސް މުޢިއްޒުގެ ސަރުކާރުން “އިންޑިއާ އައުޓް” ކުރިޔަސް، ކުރިންވެސް ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން ޑިވެލޮޕްމަންޓް ޕާޓްނަޝިޕް، އަދި މިހާރު ކުރިއަށްދާ ކެޕޭސިޓީ ބިލްޑިންގ އަދި ޓްރެއިނިންގ އިނިޝިއޭޓިވްތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި އިންޑިއާ އަކީ ރާއްޖެއަށް ދިމާވާ ކަންތައްތަކުގައި ގިނަ ފަހަރު އެންމެ ފުރަތަމަ އިޖާބަދޭ ޤައުމު ކަމަށް ވާތީ، ރިޔާސަތާއި ޙަވާލުވުމަށްފަހު މުޢިއްޒުގެ ސަރުކާރުން ޗައިނާއަށް ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވި ކަމުގައި ވިޔަސް އިންޑިއާގެ ގުޅުމާއި ބެހޭގޮތުން މަޝްވަރާކޮށް ކުރިއަށް އޮތް މިސްރާބުތައް ޗާޓް ކުރުމުގެ ފުރުޞަތު މިނިސްޓަރު ޒަމީރުގެ ބައްދަލުވުމުން ލިބިގެންދިޔަ ކަމަށެވެ.
“ގާތް އަވަށްޓެރިންގެ ގޮތުގައި އަޅުގަނޑުމެންގެ ގުޅުންތައް ތަރައްޤީ ވުމަކީ ސާފުކޮށް ފެންނަން އޮތް ގޮތުގައި ދެފަރާތުގެ މަސްލަޙަތާއި ދެފަރާތުގެ ނާޒުކުކަމުގެ މައްޗަށް ބިނާވެފައިވާ ކަމެއް... މިއީ އަޅުގަނޑުމެންގެ ނެއިބަރހުޑް ފަސްޓް ޕޮލިސީއާއި ސަގާރ (ސެކިއުރިޓީ އެންޑް ގްރޯތް ފޯރ އޮލް އިން ދަ ރީޖަން) ގެ ތަޞައްވުރުގެ މައްޗަށް ބިނާވެފައިވާ ކަންތައްތަކެއް.
އިންޑިއާ އަކީ ރާއްޖޭގެ ސަލާމަތާއި ދުޅަހެޔޮކަން ކަށަވަރު ކުރުމުގެ ވަރަށް މުހިއްމު ބައިވެރިއެއް ކަމަށްވާއިރު، ރައީސް މައުމޫނުގެ ދުވަސްވަރު 1988 ވަނަ އަހަރު ރާއްޖެ އަށް ދިން ޢުދުވާނީ ޙަމަލާއާއި އަދި އެނޫންވެސް ޤުދުރަތީ ކާރިސާތަކާއި އިޤްތިޞާދީ ދަތިތަކުގައި އިންޑިއާގެ ޚިދުމަތްތަކަށް ދިވެހިން ތަޢުރީފު ކުރެއެވެ.
އިންޑިއާއިން ވަނީ ތަފާތު ބައިލެޓަރަލް މެކޭނިޒަމެއްގެ ދަށުން މިއަހަރާއި އަންނަ އަހަރަށް ދިވެހިންނަށް ބޭނުންވާ ބައެއް ކާބޯތަކެއްޗާއި، ކޮންސްޓްރަކްޝަން މެޓީރިއަލްސް އެކްސްޕޯޓް ކުރާ އެންމެ ފުޅާ ކޯޓާވެސް ފާސްކޮށްފަ އެވެ. މިނިސްޓަރު ޒަމީރު ވަނީ ކޯޓާ އިތުރުކޮށްދެއްވި ފުރުޞަތަށް އިންޑިއާއަށް ޝުކުރު އަދާކޮށްފަ އެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ އަމާޒަކީ އިންޑިއާއާއެކު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހި ކުރުމެވެ.
މޯދީ ސަރުކާރުގެ 'ނެއިބަރހުޑް ފަސްޓް ޕޮލިސީ' ފަދަ އިސްނެގުމުގައި ޚާއްސަ ޖާގައެއް އޮންނަ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބުދަ ދުވަހު އިންޑިއާއަށް ފުރާވަޑައިގެންނެވިއިރު މިއީ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރައީސް މުޢިއްޒު ވަނީ އިންޑިއާގެ ހުރިހާ ސިފައިން މި ޤައުމުން މެއި މަހުގެ 10 ވަނަ ދުވަހު (މިއަދު) ބޭރު ކޮށްލައްވާނެ ކަމަށް ވަޢުދުވެ ވަޑައިގެންފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދެޤައުމުގެ ގުޅުން އިތުރަށް ގޯސްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެކޮޅަށް ސޯޝަލް މީޑިއާގައި ފުރައްސާރަކޮށް ބަޔަކު ވާހަކަ ދެއްކުމުންނެވެ.



