ހުޅުމާލެއިން ބިން ގަތުމުގެ ފުރުޞަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެއިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް 'ބީޗްސައިޑުން' ޖުމްލަ 13 ބިން ގަތުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
'ބިޑް ޕޯޓަލް' މެދުވެރިކޮށް ބިން ގަތުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު އެޗްޑިސީން ބުނީ ބިންތައް ވިއްކުމަށް ހެމަޖެހިފައިވަނީ ދެ މަރުޙަލާއަކަށް ބަހާލައިގެން ކަމަށެވެ.
1864.00 – 2408.00 އަކަފޫޓުގެ ބިންތައް ވިއްކުމަށް ހަމަޖެހިފައިވާއިރު އެޗްޑީސީން ބުނީ ފުރަތަމަ މަރުޙަލާގައި އޮންނާނީ ޕޯޓަލް މެދުވެރިކޮށް ޝައުޤުވެރިވެލައްވާ ބިމަށް އެކްސްޕްރެސް އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުން ކަމަށެވެ. އަދި ދެވަނަ މަރުޙަލާގައި އޮންނާނީ އެއް ފަރާތަށްވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާނަމަ އެ ބިމަކަށް ބިޑްކުރުން ކަމަށް އެޗްޑީސީން ބުންޏެވެ.
ބީލަމަށް ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައިވަނީ މީލާދީގޮތުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއްކަމުގައިވުން ނުވަތަ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ %100 ދިވެހިންގެ ޙިއްސާ އޮންނަ ކުންފުންޏެއް ކަމުގައި ވުމެވެ.
އެޗްޑީސީން ބުނީ ބީލަމުގެ އުސޫލުން ބިން ގަތުމަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވަނީ https://bids.hdc.mv މެދުވެރިކޮށް ކަމަށެވެ.



