ކޮރެއާގެ މަޝްހޫރު ބޭންޑު ބީޓީއެސްގެ މެންބަރު ޖޭހޯޕް، 18 މަސްދުވަހުގެ އަސްކަރީ ޚިދުމަތް ފުރިހަމަކުރުމަށްފަހު މި މަހުގެ 17 ވަނަ ދުވަހު އެނބުރި އަންނާނެ ކަމަށް ޢިއުލާނުކޮށްފިއެވެ.
ކޮރެއާގެ ސަޤާފަތުގައި އޮންނަ ގޮތުން، 18 އަހަރު ފުރިފައިވާ ކޮންމެ ފިރިހެނަކުވެސް އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް އަސްކަރިއްޔާގައި ޚިދުމަތްކުރަން ޖެހެއެވެ. މިގޮތުން، ބީޓީއެސްގެ ހުރިހާ މެންބަރުންވެސް މިހާރު ވަނީ މި ޚިދުމަތް ފުރިހަމަކުރުމަށް ގޮސްފައެވެ.
ބޭންޑުގެ ހަތް މެންބަރުންގެ ތެރެއިން އެންމެ ފުރަތަމަ ޚިދުމަތް ފުރިހަމަކުރި ޖިން، ނިމިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު ވަނީ އެނބުރި އައިސްފައެވެ. ޖިންގެ ފަހުން ޚިދުމަތަށް ދިޔަ ޖޭހޯޕް، މިހާރު ވަނީ އޭނާގެ 18 މަސްދުވަހުގެ ޚިދުމަތް ފުރިހަމަކޮށް ނިންމާފައެވެ.
ޖޭހޯޕް ވަނީ އަސްކަރިއްޔާގެ ހެދުމުގައި ހުރެ ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެ ފޮޓޯއާއެކު އޭނާ ބުނެފައިވަނީ، 18 މަސްދުވަހު އެކުގައި މަސައްކަތްކުރި އެންމެން ވަރަށް ބޮޑަށް ހަނދާންވާނެ ކަމަށާއި، އަދި އޭނާގެ އަތުގައިވާ ބައެއް ސާމާނު މިހާރުން ފެށިގެން އެކި ކުދިންނަށް ދެމުންދާ ކަމަށެވެ.
މީގެއިތުރުން، ޖޭހޯޕް ވަނީ ޖިން ބުނެފައިވާ އެއްޗެއްވެސް ހިއްސާކޮށްފައެވެ. އެގޮތުން، އޭނާ އެނބުރި އަންނަ ދުވަހު ޖިން އޭނާ "ކިޑްނެޕް" ކުރާނެ ކަމަށް ބުނެފައިވާ ކަމަށް ޖޭހޯޕް ވަނީ ހާމަކޮށްފައެވެ.
އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަސް ކައިރިވަމުންދާ ވަރަކަށް، ބީޓީއެސްގެ ފޭނުންކަމުގައިވާ "އާމީސް" ގެ ކެތްތެރިކަން ދަނީ ކުޑަވަމުންނެވެ. ނަމަވެސް، އަބަދުވެސް ދެގޮތެއް ނުވެ ސާބިތުވެ ތިބޭނެ ކަމުގެ ޔަގީންކަން އާމީސް އަންނަނީ ފާޅުކުރަމުންނެވެ.



