ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ އަސްކަރީ ސިފައިން އަނބުރާ ފޮނުވާލައިފި އެވެ.
ރައީސް ޑރ. މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް މިމަހުގެ 10ގެ ކުރިން އިންޑިއާ ސިފައިން ރާއްޖެއިން ބޭލިއިރު، މި ފިޔަވަޅަކީ، ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައި އެތައް އެއްބަސްވުންތަކެއްގެ ތެރެއިން ގާއިމްކޮށްފައިވާ އިންޑިއާގެ އަސްކަރީ މުވައްޒަފުން ރާއްޖޭގައި ތިބުމާ ގުޅިގެން އުފެދުނު މައްސަލަތަކަކަށް ލިބުނު ހައްލެކެވެ.
ސޯލިހުގެ ވެރިކަމުގައި އިންޑިއާގެ އަސްކަރިއްޔާގެ މުވައްޒަފުން ރާއްޖޭގައި ތިބުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ފުޅާދާއިރާއެއްގައި ހިތްހަމަނުޖެހުން އުފެދި، އެ އިންތިޒާމާ ދެކޮޅަށް އެއްވުންތަކާއި މުޒާހަރާތައް ބޭއްވިއެވެ. މި ހިތްހަމަނުޖެހުން އެންމެ ފަހުން ވޯޓު ފޮށްޓަށް އޮއްސާލިއިރު، ބޮޑު އަޣުލަބިއްޔަތަކުން ވަނީ ދެވަނަ ދައުރަކަށް ސޯލިހުއާ ދެކޮޅަށް ވޯޓު ދީފައެވެ.
އިންޑިއާގެ އަސްކަރީ މުވައްޒަފުން ވަކިކުރަން ނިންމުމަކީ ޚާރިޖީ ސިޔާސަތަށް ބޮޑު ބަދަލެއް އައިސް، އިސްތިގުލާލާއި މިނިވަންކަމަށް އަލުން ސަމާލުކަން ދިނުމުގެ އިޝާރާތެކެވެ. ރައީސްގެ މި ފިޔަވަޅަށް އެކި ފަރާތްތަކުގެ ތައުރީފު ލިބެމުންދާއިރު، ރަާއްޖޭގެ އިސްތިގުލާލު ދެމެހެއްޓުމަށް އެމަނިކުފާނު ކުރައްވާފައިވާ ވައުދުތަކަށްވެސް ގިނަ ބަޔަކު ތައުރީފުކުރެ އެވެ.
އިންޑިއާގެ އަސްކަރިއްޔާގެ މުވައްޒަފުން އަނބުރާ ފޮނުވާލި އަދަދާއި ގުޅޭ ތަފާސްހިސާބުތައް މިވަގުތަށް ޚުލާސާއަށް ލިބިފައެއް ނުވެ އެވެ. ނަމަވެސް މި ފިޔަވަޅުގެ ސަބަބުން މި ސަރަހައްދުގެ ޖިއޮޕޮލިޓިކަލް މަންޒަރަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެއެވެ.



