މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ތ. ވޭމަންޑޫ ކައުންސިލްގެ ރައީސް އަދި މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ.
މަސްވެރިކަމާއިބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ވުޒާރާއިން ބުނީ، މި ބައްދަލުވުމުގައި ކައުންސިލުން ވޭމަންޑޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ މުހިންމު ބޭނުންތައް ހިއްސާކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، ވޭމަންޑޫގައި އައިސް ޕްލާންޓެއް ޤާއިމްކުރުމަށް އެދިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މީީގެ އިތުރުން، ޒުވާނުންނަށް ވަދު ކަނދުފައްޗެއް އަޅައިދިނުމަށާއި، ތ. ފުނައްޑޫގެ ކާރުޚާނާގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކުރުމަށް ކައުންސިލުން އެދުނު ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިނިސްޓަރު ޝިޔާމް މި ބައްދަލުވުމުގައި ވޭމަންޑޫގެ ތަރައްޤީއަށް ކުރިއަށްދާ މަޝްރޫއުތަކުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ. އަދި މަސްދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ އާރް.އެސް.ޑަބްލިއު އެޅުމަށް އެސް.ޑީ.އެފްސީ މެދުވެރިކޮށް ދޫކުރާ ލުއިލޯނުގެ މަޢުލޫމާތު ދެއްވިއެވެ. ބައްދަލުވުން ނިންމަވާލައްވަމުން މިނިސްޓަރު ވިދާޅުވީ ކައުންސިލުން ފާހަގަކުރި ކަންކަން ހައްލުކޮށްދެއްވާނެ ކަމަށެވެ.
މަސް ދޯނިތަކުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ލޯނު ދޫކުރުމުގެ މަޝްރޫޢު އަލުން މުރާޖަޢާކޮށް އެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވަޒީރު ކުރިން ވަނީ ވިދާޅުވެފައެވެ. މި ނިޒާމް ޤާއިމުކުރުމުން މަސްވެރިންނަށް އައިސް ގަތުމަށާއި ތެލަށް ކުރާ ހޭދަ ވަރަށް ބޮޑުތަނުން ކުޑަކުރެވިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރައްވާފައިވެއެވެ.



