ދިވެހި ފުލުހުންގެ ޚިދުމަތާއި އިމިގްރޭޝަންގެ ނަމުގައި ރާއްޖެއިން ބޭރުގެ ނަންބަރުތަކުން ގުޅާތީ ސަމާލުވުމަށް އެދިއްޖެއެވެ.
ފުލުހުންގެ ނަމުގައި އޮޅުވާލައިގެން ސްކޭމް ކޯލްތަކެއް ކުރާތީ މި ހަފްތާގެ ކުރީކޮޅުވެސް ފުލުހުން ވަނީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ފުލުހުން މިއަދު ބުނީ އެ ޚިދުމަތުގެ އެކި ލޯގޯ ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އެކި ނަންބަރުތަކުން ވަޓްސްއެޕް މެދުވެރިކޮށް އެކި މީހުންނަށް ގުޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ވީޑިއޯ ކޯލު މެދުވެރިކޮށް ގުޅައިގެންހުރެ، ކޭޝްކާޑު އަދި ކްރެޑިޓް ކާޑުގެ މައްސަލައެއް ދިމާވެފައިވާކަމަށް ބުނެ ވީޑިއޯ ކޯލުން ކާޑު ދެއްކުމަށް އެދެމުންދާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެގޮތަށް ކާޑު ދެއްކުމުން ނުވަތަ ކާޑުގެ މަޢުލޫމާތު ޙިއްސާކުރުމުން މަކަރާއި ހީލަތުން ފައިސާގެ މުޢާމަލާތްތައް ހިންގަމުންދާ ކަމަށެވެ. ގުޅާ މީހާ ހުންނަނީ މޫނު ނިވާކޮށްގެން ކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ އިމިގްރޭޝަންގެ ނަމުގައި ރާއްޖެއިން ބޭރުގެ ނަންބަރުތަކުން ގުޅައިގެން އައިޑީ ކާޑު ދެއްކުމަށާއި ޒާތީ މަޢުލޫމާތު ދިނުމަށް އެދެމުންދާކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.
ފުލުހުން ވަނީ އެފަދަ ސްކޭމް ކޯލްތަކަށް ޖަވާބު ނުދިނުމަށާއި ކާޑުގެ އެއްވެސް މަޢުލޫމާތަކާއި އޯޓީޕީ ކޯޑު އަދި ޒާތީ އެއްވެސް މަޢުލޫމާތެއް ނުދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރަކުން ދިވެހި ފުލުހުންގެ ޚިދުމަތުން ނުގުޅާނެ ކަމަށްވެސް ބުންޏެވެ.



