މަގޭ ސޯލާ ޕްރޮގްރާމްގެ ދަށުން 3 މެގަވޮޓްގެ ނިޒާމުތައް ގަތުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެނަރޖީއާއި ޖޭވީ ވިޒްޑަމް ނެގޯއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ކްލައިމެޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޠާރިޤް އިބްރާހިމެވެ. އަދި ޖޭވީ ވިޒްޑަމްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ވަންގް ޓާއޯއެވެ.
މި އެއްބަސްވުމުގެ ދަށުން އިންސްޓޯލް ކުރާ ނިޒާމުތަކަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ރާއްޖޭގައި ސާފު ހަކަތަ ބޭނުންކުރުން އިތުރުކުރުމުގެ ސިޔާސަތުގެ ތެރެއިން އިންސްޓޯލް ކުރާ ނިޒާމުތަކެކެވެ.
މި އެއްބަސްވުމުގެ ދަށުން ގެނެވޭ 3 މެގަވޮޓްގެ ތެރޭގައި ހިމެނެނީ 3 ކިލޯވޮޓްގެ 375 ނިޒާމާއި 5 ކިލޯވޮޓްގެ 375 ނިޒާމެވެ.
ކްލައިމެޓް މިނިސްޓްރީން ބުނީ ޖުމްލަ 750 ގޭބިސީއަށް ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. އަދި މިހާތަނަށް ރާއްޖޭގައި 65 މެގަވޮޓްގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމް ޤާއިމްކުރެވިފައިވާއިރު އެއީ ޤައުމަށް ބޭނުންވާ މިންވަރުގެ 5% ކަމަށް މިނިސްޓްރީން ބުންޏެވެ.
ފަސް އަހަރުގެ ތެރޭގައި ޤައުމަށް ބޭނުންވާ ކަރަންޓުގެ %33 އަކީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކުން އުފައްދާ ކަރަންޓަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ކުރިއަށްގެންދާ މާލޭ ސޯލާ މަޝްރޫޢަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުން ކުރުން އިތުރުކުރުމަށާއި، ގޭބިސީތަކުން ކަރަންޓަށް ކުރާ ޚަރަދު ކުޑަކޮށް، އިއާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް އޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ފައިދާ ރައްޔިތުންނަށް ފަހިކޮށްދިނުމަށް ފެށި މަޝްރޫޢެއް ކަމަށް ކްލައިމެޓް މިނިސްޓްރީން ބުންޏެވެ.
ކްލައިމެޓް މިނިސްޓްރީން ބުނީ މަގޭ ސޯލާ ޕްރޮގްރާމްގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 10 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމްތަކެއް ރާއްޖޭގެ ރަށްރަށުގައި ޤާއިމްކުރުން ކަމަށެވެ.



