ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގައި ކިޔަވަމުން އަންނަ 200 އަށްވުރެ ގިނަ ދަރިވަރުން މަގުމަތިވާން ދަނިކޮށް އެކަން ހައްލު ކޮށްދެއްވިކަމަށްޓަކައި އެ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަނުން ރައީސް ޑރ.މުޙައްމަދު މުޢިއްޒުއަށް "ސެލިއުޓް ނަންގަވައިފިއެވެ".
އެމްއެންޔޫ އާއި އައިޖީއެމްއެޗްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދަރުވަމަވަންތަ ހޮސްޕިޓަލުގެ ދެ ފަންގިފިލާ ކަމަށްވާ 8 އަދި 14 ވަނަ ފަންގިފިލާއިން، މުއްދަތު ހަމަނުވަނީސް ދަރިވަރުން އެތަނުން ނުކުންނަން އެންގުމުން , ރައީސުލް ޖުމްހޫރިއްޔާ ވަނީ ދަރިވަރުންގެ އާދޭސްތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ކުރިއެކޭވެސް އެއްގޮތަށް ހަމަ އެ ހޮސްޕިޓަލުން ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށް ކިޔެވުން ކުރިޔަށް ގެންދެވޭނެ ގޮތް ހަމަޖައްސަވައިދެއްވާފައެވެ.
ޔުނިވާސިޓީގެ ދަރިވަރުންގެ ކަންބޮޑުވުން ރައީސް ހައްލުކޮށްދެއްވީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައެވެ. ދަރިވަރުން އެންމެ ފުރަތަމަ ކަންބޮޑުވުން ހާމަކޮށް ރައީސަށް ސިޓީ ފޮނުވީ 23 އޭޕްރީލް 2024 ގައެވެ. އެއާއެކު އޭގެ 3 ވަނައަށްވީ ދުވަހު ދަރިވަރުންނާއި ކަމާގުޅުންހުރި އިދާރާތަކާއެކު ރައީސް އޮފީހުގައި ބައްދަލުކޮށް މަޝްވަރާ ކުރެއްވިއެވެ. އަދި މިއަދު ވަނީ ކުރިއެކޭވެސް އެއްގޮތަށް ކިޔެވުން ކުރިޔަށް ގެންދެވޭނެ ގޮތް ސަރުކާރުން އެކުދިންނަށް ހަމަޖައްސަވައިދެއްވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ދެ ފަންގިފިލާ ހުސްކުރަން އައިޖީއެމްއެޗުން އޭރު އަންގާފައިވަނީ އެއްބަސްވުމުގައި ބާކީ ފަސް އަހަރު އޮއްވަ އެވެ.



