ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދައިފިއެވެ.
ހައުސިންގ މިނިސްޓްރީން މިއަދު ގެޒެޓްކުރި މާލޭ ޕްލޭނިންގ ޤަވާއިދުގެ ހަތް ވަނަ އިސްލާޙުގައި މި ހުއްދަ ދޭން ނިންމާފައިވާ ގޮތުގެ މިންގަނޑު ކަނޑައަޅާފައިވާއިރު، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.
އެ އިސްލާޙުގައިވާ ގޮތުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކާއި އެ ނޫން ތަންތަން ވެސް 10 ބުރިއަށް އިމާރާތްކުރެވޭނެއެވެ. އަދި މިފަދަ އެއްވެސް އިމާރާތެއްގެ އުސްމިން 30.48 މީޓަރު ނުވަތަ 100 ފޫޓަށްވުރެ އުސްވެގެން ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އިސްލާޙުގައި ބުނެފައިވަނީ 10 ބުރިއާ ހަމައަށް އިމާރާތް ކުރެވޭނީ އިމާރާތް ހަދާ ގޯތީގެ އޭރިޔާ 185.806 މީޓަރު ނުވަތަ 2000 އަކަފޫޓަށްވުރެ ކުޑަ ނޫންނަމަ ކަމަށްވެސް ބުނެފައިވެއެވެ. އަދި ބިމުގެ އޭރިޔާ އެޔަށްވުރެ ކުޑަނަމަ އިމާރާތް ކުރެވޭނީ 6 ބުރިއާ ހަމައަށް ކަމަށް ބުނެފައިވެއެވެ. އެއީ 18.5 މީޓަރު ނުވަތަ 54.134 ފޫޓަށްވުރެ އުސްނުވާ ވަރަށެވެ.
މީގެ އިތުރުން، އުސޫލުގައިވާ އުސްމިނަށްވުރެ މައްޗަށް އިމާރާތުގެ ސިޑިގޮޅިއާއި ލިފްޓް މެޝިންރޫމް ހިޔާކުރާބައި ހެދިދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ވިލިމާލޭގައި މީގެ ކުރިން އިމާރާތްކުރެވޭނެ އެންމެ އުސްމިނަކީ 6 ބުރިއެވެ.



