ޤަވާއިދާ ޚިލާފަށް ރާއްޖެއަށް ގެންނަ ދިރޭތަކެތި ނައްތާލުމަށް ނުވަތަ އަނބުރާ ފޮނުވާލުމަށް ހިނގާ ޚަރަދު އެތަކެތި އެތެރެކުރި ފަރާތުން ދައްކަން ޖެހޭގޮތަށް ހަމަޖައްސައިފިއެވެ. މި ނިންމުން ނިންމާފައިވަނީ "ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ޤާނޫނާ ޚިލާފަށް ވިޔަފާރި ކުރެވޭ ތަކެއްޗާއި ގެންގުޅޭ ތަކެތި ނެގުމާއި ނައްތާލުމާ ގުޅޭ" ޤަވާއިދަށް ގެނެވުނު އިސްލާހަކާ ގުޅިގެންނެވެ.
މި އިސްލާހުގެ ދަށުން، ޤަވާއިދާ ޚިލާފަށް ގެންނަ ދިރޭ ތަކެތި އަނބުރާ ފޮނުވާލުމަށް ނުވަތަ ރެސްކިއު ސެންޓަރަކަށް ގެންދިއުމަށް މެނޭޖްމަންޓް އޮތޯރިޓީން ނިންމައިފިނަމަ، އެކަމުގެ ޚަރަދާއި އިންތިޒާމުތައް 7 ް 7 ދުވަހުގެ ތެރޭގައި އެތަކެތި އެތެރެކުރި ފަރާތުން ހަމަޖައްސަން ޖެހޭނެއެވެ. އަދި އެތަކެތި ނައްތާލަން ނިންމާ ހާލަތުގައިވެސް އެކަމަށް ހިނގާ ޚަރަދު އެފަރާތުން ދައްކަންޖެހޭނެއެވެ.
މީގެ ކުރިން ޢަމަލުކުރަމުން ދިޔަ ޤަވާއިދުގެ ދަށުން، ވެރިފަރާތުން ޒިންމާވާންޖެހެނީ ހަމައެކަނި އެހެން ޤައުމަކަށް ފޮނުވާލުމުގެ ޚަރަދަށެވެ. އަދި އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ދެވެނީ 2 ދުވަހެވެ. ނަމަވެސް މި އިސްލާހާއެކު، ދިރޭތަކެތި ނައްތާލުމުގެ ޚަރަދުވެސް އެތަކެތި ގެންނަ ފަރާތުން ދައްކަންޖެހޭނެއެވެ. އަދި އިންތިޒާމުތައް ހަމަޖެއްސުމަށް 7 ދުވަސް ލިބޭނެއެވެ.
މި އިސްލާހު ގެނެވިފައިވަނީ ޤަވާއިދާ ޚިލާފަށް ދިރޭތަކެތި އެތެރެކުރުން ހުއްޓުވުމަށާއި، އެފަދަ ޢަމަލުތަކާ ގުޅިގެން ސަރުކާރަށް ކުރިމަތިވާ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ކަމަށް ބެލެވެއެވެ.



