ރާއްޖޭގައި ތިބެގެން ބޯންމެރޯ ޓްރާންސްޕްލާންޓަށް ބޭނުންވާ ކްރޮސްމެޗު ޓެސްޓުގެ ސާމްޕަލް ނެގޭނެ ގޮތް ހަދައިފިއެވެ.
ކްރޮސްމެޗު ހެދުމަށް މީގެ ކުރިން އާއިލާތަކުން ދާން ޖެހެނީ އިންޑިއާ އަށެވެ. އެކަމަށް ބޮޑެތި ޚަރުދުތައް ހިނގާއިރު، ސަރުކާރުން މި ބަދަލު ގެނެސްފައިވަނީ އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ.
ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ގޮތުން ކްރޮސްމެޗުގެ ސާމްޕަލް ނެގުމަށް އިންޑިއާގެ ޓީމެއް ރާއްޖެ އައިސް ސާމްޕަލް ނެގުމަށް ފަހު ފުރާނެއެވެ. މި ދަތުރުތަކުގެ ޚަރަދުތައް ކުރަނީ އިންޑިއާ ހޮސްޕިޓަލުންނެވެ.
އެގޮތަށް މިފަހުން ވަނީ އެއްބުރު ސާމްޕަލް ނަގާފައެވެ. ހެލްތު މިނިސްޓަރ ޑރ އަބްދުﷲ ޚަލީލް ވިދާޅުވީ ޓެސްޓުގެ ދެވަނަ ބުރު މި ހިނގާ މެއި މަހު ނުވަތަ އަންނަ ޖޫން މަހު ފުރިހަމަ ވެގެންދާނެ ކަމަށެވެ.
ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރުގައި މިހާރުވެސް 5 ކުއްޖަކު ތިބި އިރު، 2 ކުއްޖަކު ވަނީ ކާމިޔާބުކަމާއެކު އޮޕަރޭޝަން ފުރިހަމަކޮށްފައެވެ. އަދި މި އަހަރުގެ ތެރޭގައި ސަރުކާރުގެ ޚަރަދުގައި އިތުރު 10 ކުއްޖަކު ބޯން މެރޯ ހެދުމަށް ފޮނުވުމަށް ވަނީ ނިންމާފައެވެ.
ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފަރުވާ ހޯދަމުންދާއިރު، މި ސަރުކާރުން ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ތެލެސީމިއާ ހޮސްޕިޓަލުން ބޯންމެރޯ ހެދޭނެ އިންތިޒާމްތައް ހަމަޖެހިފައި ހުންނާނެ ކަމަށް މިނިސްޓަރ ޚަލީލް ވަނީ ވިދާޅުވެފައެވެ. އަދި އެ ހޮސްޕިޓަލް ވެގެން ދާނީ މި ސަރަޙައްދުގައި ތަރައްޤީކުރާ އެންމެ ވަރުގަދަ އެއް ހޮސްޕިޓަލަށް ކަމަށްވެސް ޚަލީލް ވިދާޅުވެފައިވެއެވެ.



