ބިދޭސީން ޓެކްސީ ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަމިއްލަ ޓެކްސީތަކުގައި ބިދޭސީން ޓެކްސީ ކުރުން އާންމުވެފައިވާ ކަމަށާއި އެކަމާ މެދު އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.
ޓެކްސީ ޤަވާއިދުގައިވާ ގޮތުން ބިދޭސީންނަށް ޓެކްސީ ކުރުމަށް ލައިސެންސް ދޫކުރަނީ ދިވެހި ދަޢުލަތުގެ ރެޒިޑެންޓް ވިސާ ލިބި، ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭނަމައެވެ. އެނޫން ގޮތަކަށް ބިދޭސީން ޓެކްސީ ކުރުމަކީ ޤަވާއިދާ ޚިލާފު ކަމަކަށް ވާއިރު އެފަދަ ބިދޭސީންނާ މެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޤަވާއިދާ ޚިލާފަށް ޓެކްސީ ކުރާ ބިދޭސީން 500 ރުފިޔާއިން ޖޫރިމަނާ ކުރުން ނުވަތަ ހުއްދަ ނެތް މީހަކު ޕްރައިވެޓް ހަޔާއެއްގައި ޚިދުމަތް ދިން ކަމަށް ނިންމާ 750 ރުފިޔާއިން ޖޫރިމަނާ ކުރެވިގެންދާނެ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ޤަވާއިދާ ޚިލާފަށް އެއަރޕޯޓުގައި ހަރަކާތްތެރިވަމުންދާ ޓެކްސީތަކާ މެދުވެސް ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ.



