ރާއްޖޭގެ މޫސުމާބެހޭ ޤައުމީ މަރުކަޒު (މެޓް) އިން މިރޭ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މެޓުން ބުނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މެޓުން ބުނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށާ، ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.
އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ކުރިޔަށް އޮތް 5 ދުވަހު ވެސް ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާ ، ދެކުނު ސަރަހައްދުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެއެވެ. އަދި މުޅި ރާއްޖޭގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓުން ބުނެއެވެ.
މީގެ އިތުރުން، ދިޔަވަރުބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓުން އިންޒާރު ދީފައިވެއެވެ. މި ހާލަތާ ގުޅިގެން، ރައްޔިތުން ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓުން އިލްތިމާސް ކުރެއެވެ..



