އައްޑޫ ސިޓީގެ ފޭދޫ އަވަށުގެ އަބްދުﷲ އިބްރާހިމް (86އ) ގެ ލޮލުގެ ފުސް ކެހުމަށް ކުރެވުނު އޮޕަރޭޝަނެއްގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ 2023 ސެޕްޓެމްބަރު 29 ވަނަ ދުވަހު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކުރެވުނު އޮޕަރޭޝަނެއްގަގައި ކަމަށް ތުހުމަތު ކުރެއެވެ.
އާއިލާއިން ދޭ މަޢުލޫމާތުގައިވާ ގޮތުން، އާންމުކޮށް 30 މިނެޓުން ނިމޭ އޮޕަރޭޝަނެއް 2 ގަޑިއިރާއި 7 މިނެޓަށް ދިގުލައިގެން ދިޔައެވެ. އަދި އޮޕަރޮޕަރޭޝަނުގައި ލޮލުގެ މެމްބްރައިން ކަނޑައިގެން ގޮސް، އައްސި ނުވުމުގެ ސަބަބުން ވަރަށް ތަދުވެ، ލޮލުން ލޭ އައިސްފައިވާ ކަމަށް އާއިލާއިން ބުނެއެވެ.
ފަހުން އަބްދުﷲ މާލެ ގެންދެވުނު އިރު، އައިކެއާގެ ޑޮކްޓަރު ދެއްކުމުން ފާހަގަކުރެވިފައިވަނީ ލޮލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމާއި، ލޮލުގެ ކަޅި ތިރިއަށް ޖެހި، މެމްބްރައިން ކެނޑިފައިވާ ކަމަށެވެ. އަދި ސްޓިޗް ނުކޮށް ހުރުމުގެ ސަބަބުން ފާރުގަނޑު ހުޅުވިފައި ހުރުމުން ޑަސްޓް ލޮލަށް ފެތުރިފައިވާ ކަމަށްވެސް ފާހަގަކުރެވިފައިވެއެވެ.
އާއިލާއިން ތުހުމަތުކުރަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ޑޮކްޓަރެއްގެ އިހުމާލުން މިކަން ދިމާވި ކަމަށެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މި މައްސަލައާ ގުޅޭގޮތުން ބުނެފައިވަނީ، މައްސަލަ ރަސްމީކޮށް ހުށަހަޅާފައި ނުވި ނަމަވެސް، ހޮސްޕިޓަލުން އިސްނަގައިގެން މައްސަލަ ބަލަމުންދާ ކަމަށެވެ.
އަބްދުﷲ ގެ އާއިލާއިން ބުނާ ގޮތުގައި، މި އޮޕަރޭޝަނުގެ ސަބަބުން އޭނާގެ ދިރިއުޅުން ވަނީ ސުންނާފަތިވެފައެވެ. އާއިލާގެ މަޤްޞަދަކީ މިކަމުގައި އިންސާފު ހޯދައި، މިފަދަ ހާދިސާތައް ތަކުރާރުވުން ހުއްޓުވުން ކަމުގައި ބުނެއެވެ.
ޞިއްޙީ ދާއިރާގެ އިސް ފަރާތްތަކުން މި މައްސަލައަށް ސަމާލުކަން ދީ، އަވަސް ތަޙްޤީޤެއް ހިންގައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގިނަ ބަޔަކު ގޮވާލަމުންދެއެވެ. އަދި މިފަދަ ހާދިސާތަކުން ލިބޭ ފިލާވަޅުތަކުގެ އަލީގައި، ކުރިމަގުގައި ޞިއްޙީ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެވެއެވެ.








