މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އެ ކުންފުނީގެ 10 މުވައްޒަފަކަށް ދީފިއެވެ.
ހުޅުލޭ އައިލެންޑް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޙައްޖުގެ އަޅުކަން އަދާކުރަން ފުރުޞަތު ލިބުނު އެމްއޭސީއެލްގެ މުވައްޒަފުންނަށް އެކަމާ ގުޅޭ ލިޔުން ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފު މުޙައްމަދު އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ އެމްޑީ ޝަރީފް ވިދާޅުވީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ކޮންމެ އަހަރަކު ކުންފުނީގެ 10 މުވައްޒަފަކަށް ދިނުމަކީ ކުންފުނީގެ މުހިންމު އަމާޒެއް ކަމަށާއި މި ފުރުޞަތު ދިނުމުގައި އެންމެ ބޮޑަށް ބަލާފައިވާނީ ކުންފުނީގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް ކަމަށެވެ.
ޙައްޖު ކޯޓާ ހޯދުމަށް އެމްއޭސީއެލްއަށް ދަތިތަކެއް ކުރިމަތިވިކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ އިސްލާމިކް މިނިސްޓްރީއާ މަޝްވަރާތަކެއް ކުރުމަށްފަހު އާންމުކޮށް ޙައްޖުގެ އަޅުކަމަށް ފައިސާ ދައްކަން ޖެހޭ ވަރަށް ވުރެ އިތުރަށް ފައިސާ ދައްކައިގެން ކޯޓާ ހަމަޖައްސަވާފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ މި ސަރުކާރަކީ ދީނީ އަސާސްތަކަށް ވަރަށް ބޮޑު އިސްކަމެއް ދޭ ސަރުކާރެއް ކަމަށާއި ރަމަޟާން މަހުގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައެޅިގެން ދިއުމަކީ އޭގެ ހެއްކެއް ކަމަށެވެ. އަދި އެއަރޕޯޓާއި ގުޅިފައިވާ ޚިދުމަތްތަކަކީ 10 ދުވަހަށް ހުއްޓާނުލެވޭނެ ޚިދުމަތްތަކެއް ނަމަވެސް މުވައްޒަފުންނަށްވެސް ބަންދު ދުވަސްތަކުގެ ފަސޭހަ ވެފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.
އެމްއޭސީއެލް އިން އެ ކުންފުނީގެ މުވައްޒަފުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ދޭން ފަށާފައިވަނީ 1998 ވަނަ އަހަރުއެވެ. އެކި ސަބަބުތަކާ ހުރެ އެކަން މެދުކެނޑިފައި އޮތުމަށް ފަހު 2017 ވަނަ އަހަރު 10 މުވައްޒަފަކަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ވަނީ ދީފައެވެ. އެޔަށްފަހު ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން މެދުކެނޑިފައި އޮތުމަށްފަހު 2023 ވަނަ އަހަރު ވަނީ ކުންފުނީގެ 5 މުވައްޒަފަކަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ދީފައެވެ.



