ބަނގުރޫޓުވަމުންދިޔަ ސަރުކާރު ކުންފުނިތައް އެ ހާލަތުން ސަލާމަތްކޮށްދިނީ މި ސަރުކާރުން ކަމަށް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
މޯލްޑިވިއަންގެ ފްލީޓަށް އިތުރު އޭޓީއާރު ބޯޓެއް ގެނައުން ފާހަގަކުރުމަށް އިިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުންޏާއި އެހެން ކުންފުނިތައް ވެސް މިސްރާބު ޖަހާފައި ހުރީ ބަނގުރޫޓުވުމާ ދިމާލަށް ކަމަށެވެ.
އެހެން ނަމަވެސް، މިނިސްޓަރު ވިދާޅުވި ގޮތުގައި މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި މި ސަރުކާރުން ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް، ކުންފުނިތަކަށް ކުރިއެރުންތައް އަންނާނެ މަގު ފަހިކޮށްދީފަ އެވެ.
"ކުންފުނިތަކަށް މިވަރުގެ ކުރިއެރުންތައް އަންނާނެ މަގު ފަހިވެގެން ދިޔުމަކީ ރައީސުލްޖުމްހުރިއްޔާ މުހައްމަދު މުއިއްޒުގެ ސިޔާސީ ވިސްނުންފުޅާއި، އެމަނިކުފާނުގެ އިގްތިސާދީ ސިޔާސަތު، ހީނުކުރާހާ ހަރުދަނާވެ، ވަރަށް ބޮޑު އުއްމީދުތަކެއް ލިބިގެންދިޔަ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހަގީގީ މާނައެއްގައި ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވަމުންދާ މަންޒަރު އާންމު ރައްޔިތުންނާއި ބޭރުގެ އިންވެސްޓަރުންނަށް ވެސް ފެންނަމުންދާ ކަމަށެވެ. ސަބަބަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި ސިޔާސީ ހިކުމަތްތެރި ވެރިއެއްގެ ލީޑަޝިޕްގެ ދަށުން މަސައްކަތް ކުރަމުންދިޔުމެވެ.
"ދިވެހި ރުފިޔާ ޗާޕް ނުކުރަން ނިންމި ނިންމުމާ އެކު އިގްތިސާދަށް އައި ބަދަލުތަކާއި އެކު، އިގްތިސާދު މިއަދު ކޮޅަށް ހިންދެމިލައިގެން ތެދުވެ، ކުރިއަށްދާން މި ފެއްޓެނީ، އާއްމު ބަހުރުވައިން ދަންނަވާކަމުގައިވާ ނަމަ، އިގްތިސާދުވެސް މުއިއްޒު ސްޕީޑުގައި ކުރިއަށްދާ ތަން ފެނިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.



